ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީގެ މުގައްރިރުގެ މަގާމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް އިއްޔެ އިންތިހާބުކޮށްފިއެވެ. އޭނާ މި މަގާމަށް ހޮވުނީ މިއަހަރު އެ ކޮމިޓީން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބައްދަލުވުމުގައި ހުސައިން ޝަރީފްގެ ނަން މަގާމަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލެވެ. އަދި އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ. މި މަގާމަށް އެހެން ބޭފުޅެއްގެ ނަން ހުށަހަޅާފައެއް ނުވެއެވެ. ޖުމްލަ 11 މެންބަރުން ހިމެނޭ މި ކޮމިޓީގެ ބައްދަލުވުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން އިމްރާން ލަތީފް ފިޔަވައި ހުރިހާ މެންބަރުން ހާޒިރުވިއެވެ.
ކޮމިޓީގެ މުގައްރިރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުގެ ބަދަލުގައި، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ކޮމިޓީއަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
“މަސައްކަތްތައް އަވަސްކުރުމަށް އިސްކަންދޭނެ”
މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ހުސައިން ޝަރީފް ވިދާޅުވީ، މި ސަރުކާރުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭ އެއް ކަމަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުން ކަމަށެވެ. އެހެންކަމުން، ކޮމިޓީއަށް ހުށަހެޅިފައިވާ ގެދޮރުވެރިކަމާ ބެހޭ ގާނޫނުގެ މަސައްކަތްތަކާއެކު، ކޮމިޓީގެ ހުރިހާ ޒިންމާތަކެއް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގެދޮރުވެރިކަމުގެ ކޮމިޓީއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ދިރާސާކުރުމާއި، ސަރުކާރުން ހިންގާ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މޮނިޓާކޮށް، އެކަންކަން އަވަސްކުރުމަށް ސަރުކާރަށް ބާރުއަޅާ ކޮމިޓީއެކެވެ. މީގެއިތުރުން، ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް މަޖިލީހަށް ހުށަހެޅުމަކީވެސް މި ކޮމިޓީގެ ގަވާއިދުގެ ދަށުން ކުރަންޖެހޭ މުހިންމު މަސްއޫލިއްޔަތެކެވެ.
ގެދޮރުވެރިކަމުގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން:
- ހުސައިން ޝަރީފް (ހުޅުމާލެ އުތުރު ދާއިރާ) - މުގައްރިރު
- އަހުމަދު ޒަމީރު (މައްޗަންގޮޅި މެދު ދާއިރާ)
- އަސްމާ ރަޝީދު (މާފަންނު މެދު ދާއިރާ)
- މުހައްމަދު އިސްމާއިލް (ވިލިމާލެ ދާއިރާ)
- މުހައްމަދު ދާއޫދު (ކުޅުދުއްފުށި އުތުރު ދާއިރާ)
- ހުސްނީ މުބާރިކް (މަނަދޫ ދާއިރާ)
- އަލީ ފަޒާދު (ފުވައްމުލަކު މެދު ދާއިރާ)
- އަބްދުއްލަތީފް މުހައްމަދު (ދިއްދޫ ދާއިރާ)
- މުހައްމަދު އީބްރާހިމް (ގަލޮޅު އުތުރު ދާއިރާ)
- އިބްރާހިމް ނާޒިލް (ހިތަދޫ ދެކުނު ދާއިރާ)
- ހުސެއިން އިމްރާން ލަތީފް (ހެންވޭރު ދެކުނު ދާއިރާ)
ކޮމެންޓް
އަދި އެއްވެސް ކޮމެންޓެއް ނެތް.