އާންމު އުނދަގުލާ ގުޅޭ ގިނަ ކަންކަމާއި އެކަންކަމަށް ފިޔަވަޅު އެޅުމާ ބެހޭ ގަވައިދެއް އެކުލަވާލައި، އެއަށް ހިޔާލު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު އާންމުކޮށް ހުޅުވާލައިފި އެވެ.
ސިޓީ ކައުންސިލުން މިއަދު ގެޒެޓު ކުރި މި ގަވައިދުގެ ދަށުން އާންމު އުނދަގުލުގެ ގޮތުގައި ގިނަ ކަންތައްތަކެއް ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި ކުނި ބެހެއްޓުމަށް ނުވަތަ އުކަން ކަނޑައަޅާފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް ކުނި އުކުމާއި، މަގުމަތި ހަޑިކުރުމާއި، ރައްޔިތުންނަށް އުނދަގޫ ފޯރާގޮތަށް އާންމު ތަންތަނުގައި ތަކެތި ބެހެއްޓުން ހިމެނެ އެވެ. މީގެ އިތުރުން އިމާރާތް ކުރަމުންދާ ތަންތަނާއި މީހުން ދިރިއުޅޭ ތަންތަނުގެ ބެލްކަންޏާއި ޓެރަސް ފަދަ ތަންތަނުގައި ގަސްމުށި ބެހެއްޓުމާއި، ވާޖަހައިގެން އިމާރާތަށް ތަކެތި އެރުވުމާއި، މީހުންނަށް އުނދަގޫވާ ގޮތަށް އާންމު ތަންތަނުގައި މުދަލާއި ތަކެތި ބަހައްޓައިގެން ވިޔަފާރި ކުރުން ވެސް ހިމެނެ އެވެ. އަދި އާންމު އުނދަލަށް ވާގޮތަށް އަޑުގަދަކުރުމާއި، ހުއްދަނެތި ފާރާއި އެހެން ތަންތަނުގައި ދަވާދުން ނުވަތަ ސްޕްރޭއިން ކުރަހާ ލިޔެ ހެދުން ވެސް މި ގަވައިދުގެ ދަށުން މަނާވާނެ އެވެ.
ގަވައިދުގައިވާ ގޮތުން މި ފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ލިޔުމުން ނަސޭހަތް ދޭނެ އެވެ. އެއަށް ފަހު އިޖްތިމާއީ އަމުރު ނެރެ އަދި އެންމެ ފަހުން ޖޫރިމަނާގެ ނޯޓިސް ފޮނުވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން ކުނިއަޅަން ނުޖެހޭ ތަންތަނަށް ކުނި އަޅައިފި ނަމަ، ނޯޓިސްދީ 500 ރުފިޔާއިން ޖޫރިމަނާކުރާނެ އެވެ. އަދި މިފަދަ އަމަލެއް ހިންގުމުން ނަސޭހަތެއް ނުވަތަ ނޯޓިސް ދިނުމަށް، ނުބައި އެޑްެރެހެއް ނުވަތަ މައުލޫމާތެއް ދީފި ނަމަ، 2،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ކަނޑައަޅާފަ އެވެ. މަގުމައްޗަށް ވެއްޓިދާނެ ފަދަ ގޮތަކަށް އިމާރާތްތަކުގެ ޓެރަސް އަދި ބެލްކަނިތަކުގައި ގަސްމުށި ބަހައްޓާ ނަމަ، ރަނގަޅު ކުރުމަށް ތިން ދުވަހުގެ މުހުލަތެއް ދޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި ރަނގަޅު ނުކޮށްފި ނަމަ 5،000 ރުފިޔާއިން ޖޫރިމަނާކުރާނެ އެވެ. އަދި އެ މުއްދަތުގައި ވެސް ރަނގަޅު ނުކޮށްފި ނަމަ، 15،000 ރުފިޔާއިން ޖޫރިމަނާކުރާނެ އެވެ.
މީގެ އިތުރުން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޕާކުތަކާއި، މައިޒާންތަކާއި، މިސްކިތްތަކާއި ބިންތަކުން މާ ބިނުމާއި ގަސްތަކަށް ގެއްލުން ދިނުމާއި މިސްކިތުގައި ނިދައި ފެންވަރައި ހެދުން ވެސް މި ގަވައިދުން މަނާކުރެ އެވެ. އެފަދަ ކަމެއް ކުރާ ނަމަ ފުރަތަމަ ފަހަރު 100 ރުފިޔާއިން ޖޫރިމަނާކޮށް، ތަކުރާރު ކުރާ ކޮންމެ ފަހަރަކު 500 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި ކެފޭ ނުވަތަ ރެސްޓޯރެންޓުތަކާއި ކުޅިވަރު ކުޅޭ ފަދަ ތަންތަނުގައި، އާންމު އުނދަގުލަކަށް ވާގޮތަށް ބާރަށް ލަވަ ޖަހައި އަޑުގަދަކޮށް ޓީވީ ބަލާނަމަ އެކަން ރަނގަޅު ކުރަން 15 މިނިޓްގެ ވަގުތުކޮޅެއް ދޭނެ އެވެ. އެ ފުރުސަތުގައި އެކަން ނުހުއްޓައިފި ނަމަ، 500 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. މި ގަވައިދުގެ ދަށުން ކުރާ ޖޫރިމަނާ ނުދައްކައިފި ނަމަ ކޯޓަށް ގޮސްގެން އެ ފައިސާ ހޯދޭނެ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ. މާލޭ ސިޓީ ކައުންސިލުން ވަނީ މި ގަވައިދާ ގުޅޭގޮތުން ހިޔާލެއް އޮތް ނަމަ، 10 ދުވަހުގެ ތެރޭގައި އެތަނުގެ ރަސްމީ އީމެއިލް އެޑްރެހަށް އީމެއިލްއަކުން ހުށަހެޅުމަށް އެދިފަ އެވެ.
ކޮމެންޓް
އަދި އެއްވެސް ކޮމެންޓެއް ނެތް.