މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު ބީޗަށް ކަޅުތެޔޮ އެޅުމާ ގުޅިގެން، އެ ސަރަހައްދު އާންމުންނަށް ބޭނުން ނުކުރެވޭ ގޮތަށް ބަންދުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ތެޔޮ ފެތުރިފައިވާ ސަރަހައްދު މިހާރު ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު އެއްކޮށް ސާފުކޮށް ނިމެންދެން، އެއްވެސް ފަރާތަކުން ރަސްފަންނު ގޮޑުދޮށާއި މޫދުގެ ބޭނުން ނުކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި މިއީ ކަނޑުގެ އޮއިވަރާއެކު އެހެން ދިމާލަކުން ރަސްފަންނާ ދިމާލަށް ލައްގާފައިވާ ތެލެވެ. މީގެ ކުރިންވެސް މިފަދަ ގޮތްގޮތަށް ތެޔޮ އެޅުމުގެ ސަބަބުން ރަސްފަންނުގެ ބައެއް ސަރަހައްދުތައް ސާފުކުރުމަށް ބަންދުކުރަން ޖެހިފައިވެއެވެ.
މި ހާދިސާ ހިނގާފައި މިވަނީ، ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު މަރާމާތު ކުރުމަށްފަހު ހުޅުވާލިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ. އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އެ ސަރަހައްދުގެ މަރާމާތުގެ މަޝްރޫއު ނިންމައި، އާންމުންނަށް މޫދަށް އެރެވޭ ގޮތަށް އަލުން ހުޅުވާލާފައިވަނީ ހުކުރު ދުވަހުއެވެ.
ކޮމެންޓް
އަދި އެއްވެސް ކޮމެންޓެއް ނެތް.