މާލެ އާއި ވިލިމާލޭގެ ފަޅުތައް ބޭނުންކުރުމުގައި ގަވާއިދުތަކަށް އަމަލުކުރާ މިންވަރު ބެލުމަށްޓަކައި ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މާލެ ސިޓީ ކައުންސިލްގެ ހާބާ އެންޑް މެނޭޖްމަންޓް ސެކްޝަނުން ހިންގި މި އޮޕަރޭޝަނަކީ ވިލިމާލެ ޕޮލިސް ޔުނިޓުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ހިލާފަށް ބަނދަރުކޮށްފައިވާ ޖުމްލަ 20 އުޅަނދެއް ފާހަގަކޮށް، ކައުންސިލުން ވަނީ އެ ތަކެތި ޖޫރިމަނާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ވިލިމާލޭ ފަޅުތެރެއިން ފާހަގަވި، އެއްވެސް ހުއްދައެއް ނެތި ބަނދަރުކޮށްފައި އޮތް 17 އުޅަނދެއް.
- މާލޭ ސުނާމީ މޮނިއުމަންޓް ސަރަހައްދުގައި އޮންނަ ސައުތު ހާބަރުން ޖޫރިމަނާކުރި 3 އުޅަނދެއް.
ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި، ޖޫރިމަނާކުރުމުގެ އިތުރުން މި އުޅަނދުތަކުގައި ވަނީ ގަވާއިދާ ހިލާފުވެފައިވާކަން އަންގައިދޭ އިންޒާރުގެ ސްޓިކާ ވެސް ޖަހާފައެވެ.
މި އުޅަނދުތައް ބަނދަރުކޮށްފައި ހުރީ މާލެ އާއި ވިލިމާލެއާ ދެމެދު ދަތުރުކުރާ ފެރީ ރޫޓަށް ހުރަސްއެޅޭ ގޮތަށެވެ. މީގެ ސަބަބުން ފެރީގެ ހިދުމަތް ލަސްވާތީ އާންމުންގެ ޝަކުވާތައް ލިބެމުންދާކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
ކައުންސިލުން އިތުރަށް ބުނީ، ފަޅުތައް ތަރުތީބުކޮށް ބެލެހެއްޓުމަށާއި ގަވާއިދާ ހިލާފަށް ބަނދަރުކުރުން ހުއްޓުވުމަށްޓަކައި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އިންސްޕެކްޝަންތައް ގަވާއިދުން ބާއްވަމުން ގެންދާނެ ކަމަށެވެ.
ކޮމެންޓް
އަދި އެއްވެސް ކޮމެންޓެއް ނެތް.