ނަޝީދުގެ ރިޔާސަތުގައި ބާއްވާ އެމްޑީޕީ ގައުމީ މަޖިލީހުގެ ފުރަތަމަ ޖަލްސާ މާދަމާ ރޭ!

Cover
ފޮޓޯ: އަދަދު

އެމްޑީޕީގެ އެތެރޭގެ ފޯރިގަދަ އިންތިޚާބު ކާމިޔާބު ކުރައްވައި، ޕާޓީގެ އާ ޗެއާޕާސަންގެ މަގާމު ހޯއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ބާއްވާ ގައުމީ މަޖިލީހުގެ ފުރަތަމަ ރަސްމީ ބައްދަލުވުން މާދަމާ ރޭ ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ. 

ނަޝީދުގެ އެ ހުށަހެޅުއްވުމާއެކު މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ ތާއީދު ކުރައްވައި، ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. ނަމަވެސް، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނެ ވަކި އެޖެންޑާއެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މާދަމާ ރޭ ބާއްވާ ރަސްމީ ޖަލްސާގެ ކުރިން، މިރޭ 9:00 ގައި އެމްޑީޕީ ހަރުގޭގައި މެންބަރުންނާ އެކު ނުރަސްމީ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ވެސް ރައީސް ނަޝީދު ވަނީ ނިންމަވާފައެވެ.

މިއީ ފޯރިގަދަ ޗެއާޕާސަން އިންތިހާބަށްފަހު އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މި އިންތިހާބު ރައީސް ނަޝީދު ކާމިޔާބުކުރެއްވީ 69 ޕަސަންޓުގެ ބޮޑު އަޣްލަބިއްޔަތަކުންނެވެ. އިންތިހާބުގައި ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްއަށް ލިބިވަޑައިގަތީ 30 ޕަސަންޓު ވޯޓެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ޗެއާޕާސަން އިލެކްޓްގެ ހައިސިއްޔަތުން ރައީސް ނަޝީދު ދަނީ ޕާޓީގެ ލީޑާޝިޕް ބޭފުޅުންނާއި، އޮފީސް މުވައްޒަފުންގެ އިތުރުން އެކި ކޮމިޓީތަކާ ބައްދަލުކުރައްވަމުންނެވެ އަދި ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަންނަވާނީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމުންނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބަޔާންކުރާ ގޮތުގައި ޗެއާޕާސަންއަކީ ޕާޓީގެ އެތެރޭގެ ހިންގުމާއި އިދާރީ އެންމެހައި ކަންކަން ރާވައި ބަލަހައްޓާ އެންމެ އިސްވެރިޔާއެވެ. ފަސް އަހަރުގެ ދައުރެއް އޮންނަ މި މަގާމުގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ސަރުކާރާއި އެހެން ސިޔާސީ ޕާޓީތަކާއެކު ގުޅުން ބޭއްވުމާއި، އެތެރޭގެ އިންތިޚާބުތައް އިންތިޒާމުކުރުމުގެ އިތުރުން ކޮންގްރެސް އާއި ގައުމީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން ހިމެނެއެވެ. މި މަގާމުގައި އެންމެ ފަހުން ހުންނެވި ފައްޔާޒް އިސްމާއިލްގެ ދައުރު ނިމުނީ ތިން އަހަރާއި ހަ މަސް ދުވަހަށްފަހުއެވެ.