ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގްގެ ގަރާޖަށް ހުއްދަނެތި ވަދެ ހުއްޓާ ހައްޔަރުކުރި މީހެއްގެ ބަންދަށް ކޯޓުން 15 ދުވަހަށް ބަންދުކޮއްފި އެވެ.
ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގްގެ ވެހިކަލް ގަރާޖަށް ވަދެ ހުއްޓާ ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދިގުވާނޑުގުރަހާގެ، އުމުރުން 31 އަހަރުގެ އަހުމަދު ފަޔާޒެވެ.
އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ނެރުނު ކޯޓު އަމުރުގައިވާ ގޮތުން، ފުލުހުންގެ ވެހިކަލް ގަރާޖަށް އޭނާ ވަނީ ހުއްދައެއް ނެތިއެވެ. ނަމަވެސް، އަހުމަދު ފަޔާޒު ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށް، އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް ކޯޓުގައި ބުނެފަ އެވެ.
މި މައްސަލާގައި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް ބާރުދޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި ހާދިސާ ހިނގި ސަރަހައްދަށް ދިޔަ ފުލުހުންގެ ރިޕޯޓާއި، ސީސީޓީވީ ފޫޓޭޖްގެ ސްނެޕްޝޮޓްތަކުގެ އިތުރުން ހައްޔަރާއި ބަންދު ލޮގް ހިމެނެ އެވެ.
މީގެއިތުރުން، ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި އަހުމަދު ފަޔާޒަކީ މީގެ ކުރިންވެސް ހައްޔަރާއި ބަންދުގެ ގިނަ ރިކޯޑުތަކެއް އޮންނަ މީހެކެވެ.
ކޮމެންޓް
އަދި އެއްވެސް ކޮމެންޓެއް ނެތް.