ރާއްޖެއަށް 36 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ބޭރު މީހާ، މައްސަލައިގެ ޝަރީއަތް ކޯޓުގައި ވަކި ގޮތަކަށް ނިމެންދެން ޖަލު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ގާޒީ އަލީ ނަދީމް ނެރުއްވި ބަންދު އަމުރުގައިވާ ގޮތުން، މި އުމުރުން 51 އަހަރުގެ ޕާކިސްތާނު މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ އެކަށީގެންވާ ހެކި ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.
މި ބޮޑު ޖަރީމާގެ ފަހަތުގައި ހުރި އިސް މޭސްތިރިއެއްގެ ގޮތުގައި ފާހަގަކުރެވިގެން، ހާދިސާ ހިނގިތާ ހަތަރު މަސް ފަހުން ފުލުހުން ހައްޔަރުކުރީ ޒަފަރް އަހްމަދު ނަމަކަށް ކިޔާ މީހެކެވެ. ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި މަސްތުވާތަކެތި ރާއްޖެއަށް ގެނެސްފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ "ހޮޓް އެންޑް ކޯލްޑް އެލްއެލްޕީ" ނަމަކަށް ކިޔާ ކުންފުންޏެއްގެ ނަމުގައެވެ. ނަމަވެސް، އެ ކުންފުނީގެ ހިއްސާދާރުންނަށް މިފަދަ ޝިޕްމެންޓެއް އައިކަން އެއްވެސް ވަރަކަށް އެނގިފައި ނުވާކަމަށާއި، އެ ކުންފުނީގެ ނަން ބޭނުންކުރެވިފައިވަނީ އެ ކުންފުންޏަށް ނޭނގި ވަގަށެވެ.
މި މައްސަލައިގެ ފެށުމަކީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނަކުންނެވެ. އެ އޮޕަރޭޝަނުގައި ރާއްޖެ އައި ކާގޯ ބޯޓެއްގެ މުދާތަކުގެ ތެރޭގައި ހުރި ބްލޫ ސްޓާ ބްރޭންޑުގެ ވޯޓާ ޑިސްޕެންސަރެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރި 36 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. މި މުދާ ފޮނުވާފައިވަނީ އިންޑިއާގެ ހައިދަރުއާބާދުގެ ކުންފުންޏެއް ކަމަށްވާ ކުއާޓްޒް އިންޓަނޭޝަނަލްއިން ކަމަށާއި، އެ ތަކެތި ކްލިއާ ކުރަން ފައިސާ ދައްކާފައިވަނީ ޒަފަރް އަމިއްލައަށް ކަމަށް ބުނާ ސްލިޕްތަކާއި ވަޓްސްއެޕް މުއާމަލާތްތައް ހެކީގެ ގޮތުގައި ކޯޓަށް ވަނީ ހުށަހަޅާފައެވެ.
މި ޝިޕްމެންޓާ ގުޅިގެން ފެބްރުއަރީ މަހުގެ ތެރޭގައި، އެ ތަކެތި ބަލައިގަނެ ރާއްޖޭގައި ވިޔަފާރިކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހަސަން މަފާޒު (މ. މުލައް) އަދި ވިޝާމް މުހައްމަދު (ހ. ފިލްމީސައިޓް) ނަމަކަށް ކިޔާ ދެ ދިވެހިން ވެސް ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ދަނީ މި ނެޓްވޯކްގެ އިތުރު ތަފްސީލްތައް ހޯދުމަށް އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް
އަދި އެއްވެސް ކޮމެންޓެއް ނެތް.