ހިރިމަރަދޫގެ ބަޖެޓު އަންނަ މަހުން ފެށިގެން ހަނިމާދޫ ކައުންސިލަށް ދޫކުރަން ސަރުކާރުން ނިންމާފައި މިވަނީ، ހިރިމަރަދޫ ކައުންސިލް އުވާލައި އެ ރަށުގެ އިދާރީ ހިންގުން ހަނިމާދޫ ކައުންސިލާ ހަވާލުކުރި ފަހުން ބަޖެޓު ފައިސާ ނުލިބި ދިގުލައިގެން ދިއުމުގެ ސަބަބުން ކުރިމަތިވި މާލީ ތަކުލީފުތަކަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.
ސަރުކާރުގެ މި ނިންމުމާއެކު، އަންނަ މަހު ހަނިމާދޫ ކައުންސިލަށް ދޫކުރާ ރަސްމީ ބަޖެޓުގެ ތެރޭގައި ހިރިމަރަދޫގެ ބަޖެޓު ހިމެނިގެންދާނެއެވެ. އަދި މީގެ އިތުރުން، އިދާރީ ބަދަލުތަކުގެ ސަބަބުން މިހާތަނަށް ދޫނުކުރެވި ހުރި ހުރިހާ ފައިސާއެއްވެސް އަންނަ މަހުގެ ބަޖެޓާ އެއްކޮށް ހަނިމާދޫ ކައުންސިލަށް ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި މާލީ ބަދަލުތައް ގެންނަން ޖެހުނީ، އާބާދީ ކުޑަވުމުގެ ސަބަބުން ހިރިމަރަދޫގެ މީހުން އެހެން ރަށަކަށް ބަދަލުކުރަން ސަރުކާރުން ނިންމައި، މިދިޔަ އެޕްރީލް މަހުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ރަށަށް ވަކިން ކައުންސިލަރުން ހޮވާފައި ނުވާތީއެވެ. ރަށުގެ ހުރިހާ ހިންގުމެއް ހަނިމާދޫ ކައުންސިލާ ހަވާލުކުރި ނަމަވެސް، ވޭތުވެދިޔަ މަސްދުވަހުގެ ތެރޭގައި ސަރުކާރުން ހިރިމަރަދުއަށް ބަޖެޓެއް ދޫކޮށްފައެއް ނުވެއެވެ. މިކަމުގެ ސަބަބުން ހިރިމަރަދޫގެ އަސާސީ ހިދުމަތްތައް ހުއްޓުމަކަށް އައުމުން ސަލާމަތްކުރުމަށްޓަކައި، ހަނިމާދޫ ކައުންސިލުން ވަނީ އެ ކައުންސިލްގެ އަމިއްލަ ބަޖެޓުން ބޮޑު ހަރަދެއް ކޮށްފައެވެ. އެގޮތުން ނިމިދިޔަ މޭ މަހުގެ ތެރޭގައި އެކަނިވެސް ހަނިމާދޫގެ ބަޖެޓުން ޖުމްލަ 267،789.43 ރުފިޔާ ހިރިމަރަދޫގެ އެކި ބޭނުންތަކަށް ހޭދަކުރަން ޖެހުނެވެ.
ހަނިމާދޫ ކައުންސިލުން އާންމުކުރި ތަފްސީލުތަކަށް ބަލާއިރު، ހިރިމަރަދޫ އަވަށު އޮފީހުގެ އިދާރީ މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް 160,419.94 ރުފިޔާ ހޭދކޮށްފައިވެއެވެ. މީގެ އިތުރުން، ރަށުގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކުރުމަށް 21,000 ރުފިޔާ، ގުރުއާން ކްލާސް ހިންގުމަށް 15,000 ރުފިޔާ، އަދި ކައުންސިލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް 6,600 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ހަމައެއާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އެލަވަންސްގެ ގޮތުގައި دޭންޖެހޭ 5,866.56 ރުފިޔާ އާއި އިންޓަނެޓް އަދި ފޯނު ބިލުތަކަށް އެރި 3,093.93 ރުފިޔާވެސް ދައްކާފައި ވަނީ ހަނިމާދޫ ކައުންސިލްގެ ފައިސާއިންނެވެ. ބަޖެޓު ނެތުމުގެ ސަބަބުން ޕްރީސްކޫލް ހިންގުމާއި، ކުނި އުކާލުމާއި، އަދި ރަށުން ގޭސް ވިއްކުން ފަދަ ޒަރޫރީ ކަންކަމަށް ފައިސާ ނުދެވި، ރަށު ތެރޭގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދުނެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، ބަޖެޓު ދިނުމުގައި ލަސްތަކެއް އުޅުނީ ކުއްލިއަކަށް އިދާރީ އޮނިގަނޑަށް ގެންނަން ޖެހުނު ބަދަލުތަކުގެ ސަބަބުންނެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީއާ ހަވާލާދީ އޭނާ ވިދާޅުވީ، އަންނަ މަހުން ފެށިގެން ހަނިމާދޫ ކައުންސިލަށް އެ އަވަށު އޮފީހުގެ ބަޖެޓު ބަރާބަރަށް ލިބޭނެތީ ދެން މިފަދަ މައްސަލައެއް ދިމާނުވާނެ ކަމަށެވެ. ހިރިމަރަދޫގެ މީހުން އެހެން ރަށަކަށް ބަދަލުކުރަން ނިންމިޔަސް، އެ ރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު އަސާސީ ހިދުމަތްތައް ސަރުކާރުން ފޯރުކޮށްދޭނެއެވެ. ހަނިމާދޫ ކައުންސިލުންވެސް ނިންމާފައި ވަނީ ހިރިމަރަދޫ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދިނުމަށާއި، ހަނިމާދޫ ނޫން އެހެން ރަށްރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށްވެސް އެ ފުރުސަތު ހޯދައިދިނުމަށް ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާ ކުރުމަށެވެ.
ކޮމެންޓް
އަދި އެއްވެސް ކޮމެންޓެއް ނެތް.