ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުންނާއި ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭ ގިނަގުނަ ޚިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެއް ޕްލެޓްފޯމަކުން ގުޅާލުމަށް ސަރުކާރުން ހުށަހެޅި މުހިންމު ބިލެއްގެ އިބްތިދާއީ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފި އެވެ.
"މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލް" ގެ ނަމުގައި ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ މަޖިލީހަށް ހުށަހެޅުއްވި މި ގާނޫނުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އިދާރީ ހިންގުން ޑިޖިޓަލް ނިޒާމަކަށް ބަދަލުކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މި ގާނޫނު ތަންފީޒުވާން ފެށުމުން، ރައްޔިތުން އެކި އޮފީސްތަކަށް ގޮސް ކިއުގައި ތިބެންޖެހޭ ޖެހުން ނިމުމަކަށް އަންނާނެ ކަމަށް ބެލެވެއެވެ.
މި މަޝްރޫއުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ "ނެޝަނަލް ސިޓިޒަން ޕޯޓަލް" ގެ ނަމުގައި ހާއްސަ ޕްލެޓްފޯމެއް ގާއިމްކުރުމަށެވެ. މި ޕޯޓަލްގެ އެހީގައި، ދައުލަތުގެ ހުރިހާ އިދާރާތަކަކުން ދޭ ޑިޖިޓަލް ޚިދުމަތްތައް އެއްތަނަކުން ރައްޔިތުންނަށް ފޯރުކޮށްދިނުން ގާނޫނުން ލާޒިމްކުރެއެވެ. މި ނިޒާމު ފުރިހަމައަށް ހިންގުމަށްޓަކައި، އިތުބާރު ހުރި ޑިޖިޓަލް އައިޑެންޓިޓީއެއް ބޭނުންކޮށްގެން މުއާމަލާތް ކުރެވޭނެ މަގާއި، އޮފީސްތަކުގެ މެދުގައި ރައްކާތެރިކަމާއެކު މައުލޫމާތު ބަދަލުކުރެވޭނެ "ޑޭޓާ އެކްސްޗޭންޖް" ނިޒާމެއް ވެސް މީގެ ތެރެއިން ތައާރަފްވެގެންދާނެއެވެ. މީގެ އިތުރުން، މި ބަދަލުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ތަރުތީބުކޮށް ނިންމާނެ ވަކި ރޯޑްމެޕެއް އެކަށަހަޅަންޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބޮޑު ބަދަލު އަމަލީގޮތުން ކުރިއަށްގެންދިއުމަށްޓަކައި "މޯލްޑިވްސް ޑިޖިޓަލް ސާވިސް" ގެ ނަމުގައި އާ އިދާރާއެއް އުފެއްދުމަށް ބިލުގައި ވަނީ ހުށަހަޅާފައެވެ. މި އިދާރާގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާނީ "ކޮމިޝަނާ ފޯ ޑިޖިޓަލް ޓެކްނޮލޮޖީ" އެވެ. ނަމަވެސް، މި ޚިދުމަތްތައް ފެށުމަށް ވަކި ސުންގަޑިއެއް ގާނޫނުގައި ކަނޑައެޅުމުގެ ބަދަލުގައި، އެކަން ނިންމުމުގެ ބާރު ދޫކޮށްލާފައިވަނީ މި ގާނޫނުގެ ދަށުން އަލަށް އުފެދޭ "ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް" އަށެވެ.
ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ކުރެވޭ މި މަސައްކަތުގައި ރައްޔިތުންނަށް ބޭނުންކުރަން އެންމެ ފަސޭހަވާނެ ގޮތްތައް ބިލުގެ 18 ވަނަ މާއްދާގައި ވަނީ ތަފްސީލުކޮށްދީފައެވެ. އެގޮތުން، ތައާރަފްކުރާ އެޕްލިކޭޝަނަކީ ކޮންމެ މީހެއްގެ ޑިޖިޓަލް ލިޓްރަސީ ނުވަތަ ހޭލުންތެރިކަމުގެ ފެންވަރު ހުރި ގޮތަކަށް ބެލުމެއްނެތި، ލުއި ފަސޭހަކަމާއެކު ދެނެގަނެވޭނެ އެއްޗަކަށް ވާންޖެހެއެވެ. އަދި މި ޕްލެޓްފޯމް ދިވެހިބަހުން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް އެއްވެސް ދައްޗެއް ނެތި ޚިދުމަތް ހޯދޭނެ ފަދަ ލުއި ގޮތްތަކެއް އެކުލެވިގެންވުން މި ބިލުން މަޖުބޫރުކުރެއެވެ.
ކޮމެންޓް
އަދި އެއްވެސް ކޮމެންޓެއް ނެތް.