ކޮވިޑްގެ އަސްލާ ބެހޭ ސިއްރު ލިޔުންތަކެއް އާންމުކޮށްފި

Cover

އެމެރިކާގެ ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސްގެ މަޤާމުގައި ހުރި ތުލްސީ ގެބާޑް އޭނާގެ މަގާމުން ވަކިވުމުގެ ކުރިން ކޮވިޑް-19 ގެ އަސްލާއި ޑރ. އެންތަނީ ފައުޗީ އާ ގުޅޭގޮތުން ސިއްރުކޮއްފައިވާ ފައިލުތަކެއް އާންމުކޮއްފިއެވެ.

އަލަށް އާންމުވި މި ފައިލުތަކުގައި ފައުޗީއާ ދެކޮޅަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގައި ކުރިއަށްދިޔަ ނުރައްކާތެރި ވައިރަސް ރިސާޗުތަކަށް ފައުޗީ ފައިސާ ފޮނުވިކަމުގެ ތުހުމަތާއި، ބަލިމަޑުކަން ފެށުނު ގޮތާ ބެހޭ ތަހުގީގީ ނަތީޖާތަކަށް ނުފޫޒު ފޯރުވަން އޭނާ މަސައްކަތް ކުރެއްވިކަމުގެ ދަޢުވާތައް ހިމެނެއެވެ.

އެ ޑޮކިއުމެންޓުތަކުން އެނގޭ ގޮތުގައި، އެކޯހެލްތް އެލަޔަންސް މެދުވެރިކޮށް ވޫހާން ލެބަށް ފެޑެރަލް ފަންޑުން މިލިޔަނުން ޑޮލަރު ވަނީ ޚަރަދުކޮށްފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި ފައިސާ ސީދާ ބޭނުންކޮށްފައިވަނީ ވައިރަސްތަކުގެ ބާރުގަދަކޮށް، ފެތުރޭ މިންވަރު އަވަސްކުރުމަށް ހިންގާ ގޭން-އޮފް-ފަންކްޝަން ރިސާޗުތަކަށެވެ. މި ފައިލުތައް އާންމުވުމާއެކު، އެމެރިކާގެ ޓެކްސް ފައިސާއިން ހިންގި މި ޕްރޮގްރާމްތަކާއި، ކޮވިޑް-19 ފެތުރެން ދިމާވީ ވޫހާން ލެބުން ވައިރަސް ލީކްވެގެން ކަމަށް ބުނާ ތިއަރީއާ ސީދާ ގުޅުން ހުރިކަމަށް ކުރެވޭ ތުހުމަތުތަކަށް ވަނީ އިތުރު ބާރެއް ލިބިފައެވެ.

މި ހާމަވުންތަކާ އެކު، 2024 ވަނަ އަހަރު ކޮންގްރެސްގެ (ގާނޫނުހަދާ މަޖިލީސް) ކުރިމަތީގައި ފައުޗީ ދެއްވި ހެކިބަހާ މެދު ވެސް މިހާރު ވަނީ ސުވާލު އުފެދިފައެވެ. ފައިލުތަކުގައިވާ ގޮތުން ވައިރަސް ރިސާޗާއި ކޮވިޑްގެ އަސްލާ ބެހޭގޮތުން އިންޓެލިޖެންސް އިދާރާތަކުން ކުރި މަޝްވަރާތަކުގައި ފައުޗީ ވަނީ ފުންކޮށް ބައިވެރިވެވަޑައިގެންފައެވެ. މިއީ އޭނާ ކުރިން އާންމުކޮށް ދައްކަވާފައިވާ ވާހަކަތަކާ ފުށުއަރާ ކަމެކެވެ. މީގެ އިތުރުން، އިންޓެލިޖެންސް އޮފިޝަލުން ފާހަގަކުރާ ގޮތުގައި މި މައްސަލައަކީ ފައުޗީގެ ސީދާ މަޞްލަޙަތު ފުށުއަރާ ކަމަކަށް ވާތީ، ކޮވިޑްގެ އަސްލު ދެނެގަތުމުގެ އެސެސްމެންޓްތައް މުރާޖާކުރާ މިނިވަން ފަރާތެއްގެ ގޮތުގައި އޭނާ ބެލުން އެއްގޮތަކަށްވެސް ރަނގަޅެއް ނޫނެވެ.

މި ބަޔާންތަކާ ގުޅިގެން ކޮންގްރެސްގެ މެންބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދިފައެވެ. ސެނެޓަރ ރޭންޑް ޕޯލް އާއި އެހެނިހެން މަތީ ފަންތީގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން ވިދާޅުވާ ގޮތުގައި ގެބާޑް މި ފައިލުތައް އާންމުކުރެއްވުމަކީ ދެފުށް ފެންނަ ގޮތަށް ޙަޤީޤަތް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި މި މައްސަލަ ޖިނާއީ ބޮޑު ތަހުގީގަކުން ބަލައި، ޒިންމާވާންޖެހޭ ފަރާތްތައް ކަނޑައެޅުމަށް ވެސް ގޮވާލިއެވެ.

މި ސިޔާސީ ތޫފާނަށް އިތުރު ހޫނުކަމެއް ލިބުނީ، 2025 ގެ ޖެނުއަރީ މަހު ރިޔާސަތުން ވަކިވެވަޑައިގަތުމުގެ ކުރިން ޖޯ ބައިޑެން ފައުޗީއަށް ދެއްވި ޕްރީ-އެމްޕްޓިވް ޕާޑަން ނުވަތަ ކުރިއާލާ ދެއްވި މާފުގެ މައްސަލަ އަލުން ފެންމަތިވުމުންނެވެ. އެ މާފުގެ ދަށުން، 2014 އިން ފެށިގެން ފައުޗީ އަދާކުރި ރަސްމީ ވަޒީފާތަކާ ގުޅިގެން ދިމާވެދާނެ ފެޑަރަލް ކުށްތަކުގެ ޤާނޫނީ ފިޔަވަޅުތަކުން އޭނާ މުޅިން ސަލާމަތްވެއެވެ. ފައުޗީއަށް ތާއީދުކުރާ ފަރާތްތަކުން މިއީ ސިޔާސީ ބަދަލުހިފުމަކުން އޭނާ ސަލާމަތްކުރުމަށް ކުރި ކަމެއްގެ ގޮތުގައި ދެކުނު ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނަނީ މިއީ ފައުޗީ ޤާނޫނީ އަދަބުން ސަލާމަތްކުރުމަށް ހިންގާފައިވާ އަމަލެއް ކަމަށެވެ.

ކޮވިޑް-19 ގެ އަސްލަކީ އަދިވެސް އެމެރިކާގެ ސިޔާސީ މަސްރަޙުގައި އެންމެ ބޮޑަށް ބައިބައިވުން އުފެދިފައިވާ މައްސަލައަށް ވުމުން، އިންޓެލިޖެންސް ވެރިޔާގެ ހައިސިއްޔަތުން ގެބާޑް އެންމެ ފަހުން ނިންމި މި ނިންމެވުމުގެ ސަބަބުން މި މައްސަލައިގެ ކުރިމަތިލުންތައް އިތުރަށް ވަރުގަދަވާނެއެވެ. ނަމަވެސް، ޤާނޫނީ މާހިރުންނާއި މުޙައްލިލުން ފާހަގަކުރާ ގޮތުގައި މި ފައިލުތަކުގައި ބޮޑެތި ތުހުމަތުތަކެއް ހުރި ނަމަވެސް، ފުރިހަމަ ޙަޤީޤަތް ދެނެގަތުމަށްޓަކައި އަދިވެސް މިނިވަން އަދި ރަސްމީ ޤާނޫނީ މުރާޖާއެއްގެ ބޭނުންތެރިކަން އެބައޮތެވެ.