ޓްރަމްޕު އަޑީގައިހުރެ އިސްރާއިލުގެ ކުރިއަށް އޮތް އިންތިޚާބުން ނަތަންޔާހޫ ބަލިކުރަން މަސައްކަތްކުރަނީ

Cover
އައި.ޑީ.އެފް ގެ ކުރީގެ ޗީފް އޮފް ސްޓާފް ގާދީ އައިޒެންކޮޓް

އިސްރާއީލުގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އިސްރާއީލުގެ އިދިކޮޅު ސިޔާސީ ހަރަކާތްތަކާ ސިއްރު އަދި ނުރަސްމީ ގުޅުންތަކެއް ބާއްވަން ފަށާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

އިސްރާއީލުގެ މަގްބޫލު ޓީވީ ޗެނަލެއް ކަމަށްވާ ޗެނަލް 12 އިން ހާމަކޮށްފައިވާ ގޮތުގައި، މި ސިއްރު މުއާމަލާތްތަކުގެ މައިގަނޑު އަމާޒަކީ ކުރިއަށް އޮތް އިންތިޚާބުގައި މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބަލިކޮށް، ވެރިކަމަށް އައުމުގެ އެންމެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ލީޑަރުންނާއެކު ދުރާލާ ގުޅުން ބަދަހިކުރުމެވެ. މީގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓްގެ އިތުރުން އިސްރާއީލު ސިފައިންގެ ކުރީގެ ވެރިޔާ ގާޑީ އައިޒެންކޮޓް ފަދަ ނުފޫޒުގަދަ މީހުން ހިމެނެއެވެ. ޓްރަމްޕާ ގާތް ގުޅުމެއް އޮންނަ ބައެއް ފަރާތްތަކުން ވެސް މިހާރު ދަނީ އިދިކޮޅު ފަރާތްތަކުގެ ޚިޔާލާއި މިސްރާބު ހުރިގޮތް ބެލުމަށް ސިއްރުން މަސައްކަތް ކުރަމުންނެވެ.

މިފަދަ ފިޔަވަޅެއް އެމެރިކާގެ އޮފިޝަލުން އަޅަންޖެހުނު މައިގަނޑު ސަބަބަކީ ނަތަންޔާހޫގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ ހަރުކަށި ފިކުރުގެ މެންބަރުންގެ ސަބަބުން ވޮޝިންގްޓަނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކެވެ. ޣައްޒާގައި ކުރިއަށްދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމައާ ހުރެ ބައިނަލްއަގުވާމީ މައިދާނުގައި އިސްރާއީލު އެކަހެރިވަމުންދާއިރު، މިހާރުގެ ސަރުކާރާއެކު އެއްވެސް ކަހަލަ ހާރިޖީ އަދި ބައިނަލްއަގުވާމީ ސިޔާސަތެއް ކުރިއަށް ނުގެންދެވުމުގެ މާޔޫސްކަން އެމެރިކާގެ ސަރުކާރުގައި ވަނީ ބޮޑުވެފައެވެ. މީގެ އިތުރުން، އަންނަ އޮކްޓޯބަރު މަހުގެ ކުރިން ބާއްވަންޖެހޭ އިންތިޚާބުގައި ނަތަންޔާހޫއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިދާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ގަބޫލުކުރެއެވެ. މި ބަދަލުތަކަށް ތައްޔާރުވުމުގެ ގޮތުން، އިދިކޮޅު ލީޑަރުން ކަމަށްވާ ބެނެޓާއި ލަޕީޑް ގުޅިގެން އުފައްދާފައިވާ "ޓުގެދަރ" ޕާޓީއާއި، މަގްބޫލުކަން އިތުރުވަމުންދާ އައިޒެންކޮޓް ފަދަ މީހުންނަކީ ކުރިއަށް އޮތް ތަނުގައި އިސްރާއީލުގެ ވެރިކަމާ ހަވާލުވެދާނެ ފަރާތްތައް ކަމަށް ބަލައި އެމެރިކާއިން ދަނީ އެމީހުންނާ ގުޅުން ބަދަހިކުރަމުންނެވެ.