ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިނިއަރުގެ ލަގަބު، ސްޕޭސްއެކްސް ކުންފުނީގެ ވެރިޔާ އިލޮން މަސްކަށް ލިބިފައިވާކަން ދުނިޔޭގެ އެންމެ މަގުބޫލު އެއް މަޖައްލާ ކަމަށްވާ ފޯބްސް އިން ހާމަކޮށްފިއެވެ.
ފޯބްސް އިން ބުނީ ސްޕޭސް އެކްސްގެ ހިއްސާ ނަސްޑެކް ބާޒާރުގައި ވިއްކަން ފެށުމާއެކު، އެ ކުންފުނީގެ ބާނީ އީލޮން މަސްކް ދުނިޔޭގެ ތާރީޚުގައިވެސް ފުރަތަމަ ޓްރިލިއަނަރަށްކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ސްޕޭސްއެކްސްގެ ހިއްސާއެއްގެ އަގު 150 ޑޮލަރަށް އެރުމާއެކު، އެ ކުންފުނީގެ މާކެޓް އަގު ވަނީ ގާތްގަނޑަކަށް 2 ޓްރިލިއަން ޑޮލަރަށް އަރާފައެވެ. ފޯބްސްގެ ހިސާބުތަކުން ދައްކާގޮތުގައި މިއާއެކު މަސްކްގެ އަމިއްލަ މިލްކިއްޔާތުގެ އަގު ވަނީ 1.1 ޓްރިލިއަން ޑޮލަރަށް އުފުލިފައެވެ. ސްޕޭސްއެކްސް ކުންފުނީގެ 4.8 ބިލިއަން ހިއްސާ މަސްކް މިލްކުކުރާއިރު، މިއީ އެ ކުންފުނީގެ 38 އިންސައްތަ ހިއްސާއެވެ.
އީލޮން މަސްކް އެންމެ ފުރަތަމަ ފޯބްސްގެ ބިލިއަނަރުންގެ ލިސްޓަށް އަރާފައިވަނީ 2012 ވަނަ އަހަރު 2 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަކާއެކުގައެވެ. އޭގެ ފަހުން އެންމެ 9 އަހަރު ތެރޭގައި، ޓެސްލާ ކުންފުނީގެ ހިއްސާގެ އަގު މައްޗަށް ދިއުމުގެ ސަބަބުން، 2021 ވަނަ އަހަރު އޭނާ ވަނީ ޖެފް ބޭޒޯސް ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ހޯދާފައެވެ.
ފޯބްސްގެ ޑެޕިއުޓީ އެޑިޓަރ މެޓް ޑުރޮޓް ވިދާޅުވި ގޮތުގައި، މަސްކްގެ މި ކާމިޔާބީއަކީ ކުރިން ހީވެސް ނުކުރެވޭ ފަދަ ބޮޑު ކުރިއެރުމެކެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރިތައް ކުރިއަރަމުންދާ ހަލުވި ދުވެލި ހާމަކޮށްދޭ އަލިގަދަ ހެކިބަހެކެވެ. މަސްކް އަކީ މިހާރު ދުނިޔޭގައި ހުރި އެންމެ ނުފޫޒުގަދަ އަދި އެންމެ އުފެއްދުންތެރި ވިޔަފާރިވެރިޔާއެވެ.
ކޮމެންޓް
އަދި އެއްވެސް ކޮމެންޓެއް ނެތް.