ކުޑަކުދިންގެ ރައްކާތެރިކަމުގެ ގާނޫނުގެ ބަދަލުގައި މެޓާއިން އެދެނީ ގާނޫނީ ހިމާޔަތަކަށް

Cover
މެޓާގެ ސީއީއޯ މާކް ޒަކަބާގް ލޮސް އެންޖެލިސް ސުޕީރިއާ ކޯޓު ބޭރުގައި

ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ކުންފުނި، މެޓާއިން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ބާރު ފޯރުވައި، ގާނޫނީ ހިމާޔަތް ހޯދުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ ރިޕޯޓުތަކެއް ވަނީ ފެންމަތިވެފައެވެ.

މެޓާގެ ދަށުން ހިންގާ ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުގެ ސަބަބުން ކުޑަކުދިންނަށް ލިބޭ ނަފްސާނީ އަދި އެހެނިހެން ގެއްލުންތަކާ ގުޅިގެން އާއިލާތަކުންނާއި ސްކޫލްތަކުން ކުރަމުންދާ ހާހަކަށް ވުރެ ގިނަ ދައުވާތަކުން ސަލާމަތްވުމަށް މެޓާއިން ދަނީ ގާނޫނަށް ބަދަލުތަކެއް ގެނައުމަށް ލޮބީކުރަމުންނެވެ. މި ހުށަހެޅުމުގެ ސަބަބުން މިހާރު ކޯޓުތަކުގައި ހުރި މައްސަލަތަކަށާއި ކުރިއަށް އޮތް ތަނުގައި ކުރެވޭނެ ދައުވާތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ގާނޫނީ މާހިރުން ބުނެއެވެ.

މި މައްސަލަ ބޮޑުވެގެން މިދިޔައީ ކުޑަކުދިން އިންޓަނެޓުގައި ރައްކާތެރިކުރުމަށް އެމެރިކާގެ ސެނެޓުން އެކުލަވާލާފައިވާ "ކިޑްސް އޮންލައިން ސޭފްޓީ އެކްޓް" ގާނޫނަށް މެޓާއިން އަމިއްލަ އިސްލާހެއް ހުށަހެޅުމާ ގުޅިގެންނެވެ. މެޓާއިން ހުށަހަޅާފައިވާ ބަދަލަކީ 18 އަހަރުން ދަށުގެ ކުދިންގެ ސަލާމަތާއި އަމިއްލަ މައުލޫމާތު ރައްކާތެރިކުރުމާ ގުޅޭގޮތުން ސްޓޭޓްތަކުގެ ގާނޫނުތަކުގެ ދަށުން އެ ކުންފުންޏާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ފަދަ މާއްދާއެއް ހިމެނުމަށެވެ. މެޓާއިން ބުނާ ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަނީ މުޅި އެމެރިކާގައި އެއް ހަމައެއްގެ ގާނޫނެއް ގާއިމުކުރުމަށެވެ. ނަމަވެސް، ޓްރަޔަލް ލޯޔަރުންގެ ޖަމްއިއްޔާތަކުން ތުހުމަތުކުރާ ގޮތުގައި މިއީ މައިންބަފައިންނާއި ސްކޫލްތަކުން ކުންފުނި ޒިންމާދާރުކުރުވުމަށް ކުރާ މަސައްކަތް މުޅިން ހުއްޓުވާލުމަށް ކުރާ ކަމެކެވެ.

މިފަދަ ގާނޫނީ ހިމާޔަތެއް ހޯދުމަށް މެޓާއިން މަރުދޭން މިޖެހުނީ ދާދި ފަހުން ލޮސް އެންޖެލިސްގެ ޖޫރީއަކުން މެޓާ އާއި ގޫގުލް ގުޅިގެން 6 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކުރުމާ ގުޅިގެންނެވެ. އެ މައްސަލައިގައި ސާބިތުވެފައިވަނީ އިންސްޓަގްރާމް އަދި ޔޫޓިއުބް ފަދަ އެޕްލިކޭޝަންތައް ފަރުމާކޮށްފައިވަނީ ކުޑަކުދިން އެއަށް ދެވިހިފާ ގޮތަށް ކަމަށާއި، އޭގެ ސަބަބުން ކުދިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. މި ގާނޫނު ފާސްވެއްޖެ ނަމަ، މެޓާއިން ބުނާ ގޮތުގައި ގާނޫނާ ދެކޮޅަށް ކުރާ މަސައްކަތްތައް އެ ކުންފުނިން ހުއްޓާލާނެއެވެ. ނަމަވެސް، މި ގާނޫނު އެކުލަވާލުމުގައި އިސްކޮށް އުޅުއްވާ ސެނެޓަރުންގެ އޮފީސްތަކުން ބުނެފައިވަނީ މެޓާގެ މި ހުށަހެޅުމަށް އެއްވެސް ވަރަކަށް ތާއީދު ނުކުރާނެ ކަމަށެވެ.