އޭއައި ބޭނުންކޮށްގެން އުފެއްދި "ޔުނިވާސަލް ވެކްސިން" ފުރަތަމަ ޓެސްޓުން ފާސްވެއްޖެ

Cover

ދުނިޔެއަށް ކުރިމަތިވެދާނެ ބަލިމަޑުކަމަކުން ދުރާލައި ރައްކާތެރިވުމަށް ސައިންސްވެރިން ކުރަމުންދާ މަސައްކަތުގެ ދަށުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ތައްޔާރުކުރި "ޔުނިވާސަލް ވެކްސިން" އެއް އިންސާނުން ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް ޓެސްޓުކޮށް ކާމިޔާބީއާ ހަމައަށް ވާސިލްވެއްޖެއެވެ.

 ޔުނިވަރސިޓީ އޮފް ކޭމްބްރިޖް އަދި ޔުނިވަރސިޓީ އޮފް ސައުތުހެމްޕްޓަންގެ ދިރާސާވެރިން ގުޅިގެން އުފެއްދި މި ވެކްސިނަކީ، ކޮވިޑް-19 ފެތުރުނު ސާސް-ކޯވް-2 ހިމެނޭ "ސާބެކޯ ކޮރޯނާވައިރަސް" ގްރޫޕްގެ ތަފާތު ވައިރަސްތަކުން އެއްފަހަރާ ރައްކާތެރިކަން ހޯދައިދިނުމަށް ފަރުމާކޮށްފައިވާ އާދަޔާޚިލާފު އުފެއްދުމެކެވެ. ކޮމްޕިއުޓަރު ސިމިއުލޭޝަންތަކެއްގެ އެހީގައި މުޅިން އައުކޮށް ފަރުމާކުރި މި ވެކްސިން، 39 ދުޅަހެޔޮ ވޮލަންޓިއަރުންގެ ގަޔަށް ޖަހައިގެން ކުރި ދިރާސާއިން ދެއްކި ގޮތުގައި މިއީ އިންސާނުންގެ ހަށިގަނޑަށް ރައްކާތެރި އަދި ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ އިމިއުން ސިސްޓަމް ނުވަތަ ދިފާއީ ބާރު ވަރުގަދަކޮށްދޭ އެއްޗެކެވެ.

މި ވެކްސިން އުފެއްދުމަށްޓަކައި ސައިންސްވެރިން ވަނީ ސާބެކޯ ކޮރޯނާވައިރަސްތަކުގެ ޖެނެޓިކް ސީކުއެންސްތަކުގެ މައުލޫމާތު އޭއައި ސިސްޓަމަކަށް ފޯރުކޮށްދީފައެވެ. އެ މައުލޫމާތުތަކަށް ބިނާކޮށް އޭއައި އިން ވަނީ މި ވައިރަސްތަކުގެ ތެރޭގައި ހިމެނޭ އަދި މުސްތަޤްބަލުގައި އުފެދިދާނެ ވައިރަސްތަކުގައިވެސް ބައިވެރިވާ މައިގަނޑު ސިފަތައް ދެނެގަނެ، "ސުޕަރ-އެންޓިޖެން" އެއް ތައްޔާރުކޮށްފައެވެ. މިއީ ވައިރަސްތައް ބަދަލުވަމުންދާ ދިއުމާ ފަހަތުން ދުވުމުގެ ބަދަލުގައި، ކުރިއާލައި ވައިރަސްތަކަށްވުރެ ކުރި ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދިރާސާވެރިން ސިފަކުރެއެވެ. އަދި މި ވެކްސިން ހަށިގަނޑަށް ފޯރުކޮށްދެނީވެސް ކަށި ބޭނުންކުރުމުގެ ބަދަލުގައި، މައިކްރޯ-ފްލުއިޑް ޖެޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަމުގެ ތެރެއަށް ފޮނުވާލާ ވަރަށް މަތީ ޕްރެޝަރުގެ ދިޔާ އެއްޗެއްގެ އެހީގައެވެ. މީގެ ސަބަބުން ކަަށްޓަށް ބިރުގަންނަ މީހުންނަށް ފަސޭހަވުމުގެ އިތުރުން، ގިނަ އަދަދެއްގެ ބަޔަކަށް ކުރު މުއްދަތެއްގައި ވެކްސިން ދިނުމުގެ މަގު ފަހިވެގެންދާނެއެވެ.

ޞިއްޙީ ދާއިރާގައި އޭއައި ބޭނުންކުރުމާ މެދު ބައެއް މާހިރުން ކަންބޮޑުވުން ފާޅުކުރެއެވެ. އޭގެ ތެރޭގައި އޭއައި އިން ނުބައި މައުލޫމާތު ދިނުން (ހަލޫސިނޭޝަންސް)، ބައެއް ނަސްލުތަކުގެ މައުލޫމާތު އޭއައިގެ ޑޭޓާބޭސްގައި މަދުވުމުގެ ސަބަބުން ނިކުންނަ ނަތީޖާ ވަކި ފަރާތަކަށް ބުރަވުން، އަދި ބަލިމީހުންގެ ސިއްރުތައް ހިފެހެއްޓުމުގެ މައްސަލަތައް ހިމެނެއެވެ. ނަމަވެސް، މި "ޔުނިވާސަލް ވެކްސިން" އުފެއްދި ސައިންސްވެރިން ބުނާ ގޮތުގައި، މި އުފެއްދުން އާންމުންނާ ހަމައަށް ގެނައުމުގެ ކުރިން މިއަށްވުރެ ބޮޑު އަދި ތަފާތު އާބާދީތަކެއް ހިމެނޭ ބޮޑު ކްލިނިކަލް ޓްރަޔަލްއެއް ކުރިއަށް ގެންދަންޖެހެއެވެ. މި ދިރާސާގެ ހޯދުންތައް މިހާރު ވަނީ މަޝްހޫރު "ޖާނަލް އޮފް އިންފެކްޝަން" ގައި ޝާއިއުކޮށްފައެވެ.