އޮންލައިންކޮށް ވިޔަފާރިކުރާއިރު ބައެއް ފަހަރު ހިތަށް ވަރަށް ސާފުކޮށް ސިފަވާ އެއްޗެހި، އޭގެ އަސްލު ނަން ނުވަތަ ބޭނުންކުރަންވީ ސީދާ ލަފުޒު ނޭނގުމުގެ ސަބަބުން ހޯދަން އުނދަގޫވެ އެވެ. މިސާލަކަށް ވަކި ކަހަލަ ގޮތަކަށް ފަރުމާކޮށްފައި ހުންނަ ގޮނޑިއެއް ނުވަތަ ހެދުމެއް ހޯދަން ބޭނުންވިޔަސް، ސާޗް ބާގައި ލިޔާނެ ރަނގަޅު ޓެކްނިކަލް ނަމެއް ނޭނގިގެން އެތައް އިރަކު ހޯދަން ޖެހެ އެވެ. ދުނިޔޭގެ އެންމެ ބޮޑު އޮންލައިން މާކެޓްޕްލޭސް، އެމެޒޯނުން މިހާރު މިވަނީ މިފަދަ މައްސަލަތަކަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އާދަޔާ ހިލާފު ހައްލެއް ތައާރަފުކޮށްފަ އެވެ. އެމެޒޯންގެ ޝޮޕިން އެޕްލިކޭޝަނަށް ގެނައި މި ބަދަލާއެކު، ކަސްޓަމަރުން ލިޔާ ސިފަކުރުންތަކަށް ބަލައި، ހަމަ އެވަގުތުން އެވަގުތަށް އޭއައި އިން ފޮޓޯތަކެއް ތައްޔާރުކޮށްދޭނެ އެވެ.
މި އާ ފީޗާ މަސައްކަތްކުރަނީ ކަސްޓަމަރު އެޕްގެ ސާޗް ބާގައި މުދަލެއްގެ ކުލަ، މެޓީރިއަލް، ނުވަތަ ބައްޓަން ސިފަކޮށް ލިޔަމުންދާ ވަރަކަށް، އޭގެ މައްޗަށް ބިނާކޮށް އޭއައި އިން އުފައްދާ ފޮޓޯތައް ބަދަލުވަމުންދާ ގޮތަށެވެ. މިސާލަކަށް "ފެހި ކުލައިގެ ހެދުމެއް" ލިޔުމަށްފަހު، "އަތް ދިގު" މިހެން އިތުރުކޮށްލުމުން ތިރީގައި ދައްކާ ފޮޓޯއަށް އެ ބަދަލު އަންނާނެ އެވެ. މިގޮތަށް ލިޔަމުން ގޮސް ތިމާގެ ހިތުގައިވާ ސިފަޔާ އެންމެ ވައްތަރު ފޮޓޯއެއް ފެނުމުން އޭގެއަށް ފިތާލުމުން، އެ ފޮޓޯއާ ވައްތަރު ހަގީގީ މުދާ އެމެޒޯންގެ ގުދަނުން ހޯދައި ކަސްޓަމަރަށް ދައްކައިދޭނެ އެވެ. މިއީ ސީދާ ލަފުޒުތަކަށްވުރެ ބޮޑަށް، މުދަލުގެ ބޭރުފުށުގެ ސިފައަށް ބަލައިގެން ވިޔަފާރިކުރުން ފަސޭހަކޮށްދޭ ޑިޖިޓަލް މަގެކެވެ.
ނަމަވެސް މި ޓެކްނޮލޮޖީ ބޭނުންކުރުމުގައި ސަމާލުވާންޖެހޭ މުހިންމު ކަމެއް އެބައޮތެވެ. އެއީ އޭއައި އިން ސާޗް ބާގެ ތިރީގައި ދައްކާ ފޮޓޯތަކަކީ އަސްލު ވިއްކަން ހުރި ތަކެތީގެ ފޮޓޯތަކެއް ނޫން ކަމެވެ. އެއީ ހަމައެކަނި ކަސްޓަމަރު ބޭނުންވާ ގޮތް ދެނެގަތުމަށް އޭއައި އިން އުފައްދާ ފޭކް ނުވަތަ ހިޔާލީ ތަަސްވީރުތަކެކެވެ. އެހެންކަމުން، ބައެއް ފަހަރު އޭއައި އިން ވަރަށް ފުރިހަމަ ފޮޓޯއެއް ދެއްކި ނަމަވެސް، އެއާ މެޗުވާ ކަހަލަ ހަގީގީ މުދަލެއް އެމެޒޯންގައި ބައެއް ފަހަރު ނުހުރެދާނެތީ ކަސްޓަމަރުން މާޔޫސްވުމުގެ ފުރުސަތު އޮވެ އެވެ. މި ސަބަބަށްޓަކައި ވިޔަފާރި އެއްކޮށް ނިންމާލުމުގެ ކުރިން މުދަލުގެ އަސްލު ފޮޓޯތަކާއި، ސައިޒާއި، އަދި ރިވިއުތަކަށް ރަނގަޅަށް ބެލުން ބުއްދިވެރި އެވެ.
މިވަގުތު މި ހިދުމަތް ތައާރަފުކޮށްފައިވަނީ ހަމައެކަނި އެމެރިކާގެ މާކެޓަށް، އެންޑްރޮއިޑް އަދި އައިއޯއެސް އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށެވެ. އަދި މި ފީޗާ އަދި ހާއްސަކޮށްފައިވަނީ ހަމައެކަނި އަންނައުނާއި، ގޭތެރެ ފަދަ ސިފަޔަށް ބޮޑަށް ބަލާ ކެޓަގަރީތަކަށެވެ. މިއީ އެމެޒޯނުން ވިޔަފާރި އިތުރަށް ފަސޭހަކުރުމަށް ކުރިއަށްގެންދާ "ޝޮޕް ބައި ސްޓައިލް" އަދި "ލެންސް ލައިވް" ފަދަ ވިޝުއަލް ޓޫލްތަކުގެ ތެރެއަށް އިތުރުވި ވަރަށް އުންމީދީ އަދި އެހާމެ ތަފާތު ފީޗާއެކެވެ.
ކޮމެންޓް
އަދި އެއްވެސް ކޮމެންޓެއް ނެތް.