ބޭނުންކުރެވޭ ރީޒާވް މައްޗަށް!

Cover
ޕޮޓޯ: މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ

ރާއްޖޭގެ މާލީ ހާލަތާއި ބޭރު ފައިސާގެ ރިޒާވްއާ މެދު އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު އެންމެ ފަހުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކަނީ މުޅިން ތަފާތު އުއްމީދީ މަންޒަރެކެވެ.

ގައުމުގެ ޖުމްލަ ރަސްމީ ރިޒާވްގެ އަދަދުތަކަށް އައި ބަދަލަށްވުރެ ބޮޑަށް، މިވަގުތު އިގުތިސާދަށް އެންމެ މުހިންމުވާ "ޔޫޒަބަލް ރިޒާވް" ނުވަތަ ހަގީގަތުގައި ބޭނުންކުރެވެން ހުރި ބޭރު ފައިސާގެ ސާފު އަދަދު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް މަތިވެފަ އެވެ. މިއީ ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ މާލީ ސިޔާސަތުތަކަށް އަންނަމުންދާ ހެޔޮ ބަދަލުތަކުގެ ސަބަބުން ލިބުނު ބޮޑު ކުރިއެރުމެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މި ހިނގާ 2026 ވަނ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު މޭ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވް ވަނީ 244.27 މިލިއަން ޑޮލަރުން 260.78 މިލިއަން ޑޮލަރަށް އުފުލިފަ އެވެ. މިއީ އެންމެ މަހެއްގެ ތެރޭގައި 16 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ސާފު އިތުރުވުމެކެވެ. ގައުމަށް ބޭނުންވާ އަސާސީ މުދަލާއި ކާބޯތަކެއްޗާއި ތެޔޮ އެތެރެކުރުމަށް ސީދާ ބޭނުންކުރެވެން ހުންނަ މި ފައިސާ އިތުރުވުމަކީ، މާކެޓުގައި ޑޮލަރުގެ ދަތިކަން ކުޑަވެ، ވިޔަފާރިތަކަށް ބޭރު ފައިސާ ލިބުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

މި އަހަރުގެ ކުރީކޮޅު ރާއްޖެއިން ވަނީ ބޭރުގެ ބޮޑެތި ދަރަނިތަކެއް ކާމިޔާބުކަމާއެކު ދައްކާ ހަލާސްކޮށްފަ އެވެ. އޭގެ ތެރޭގައި ބޭރުގެ ސަވަރިން ސުކޫކް ބޮންޑަށް ދައްކަންޖެހޭ ފައިސާ ބަރާބަރަށް ދެއްކުން ހިމެނެ އެވެ. މިފަދަ ބޮޑެތި މާލީ ޒިންމާތަކެއް ސަރުކާރުން ބަރާބަރަށް އަދާކުރުމާ ގުޅިގެން، ޖުމްލަ ރަސްމީ ރިޒާވް 704.7 މިލިއަން ޑޮލަރަށް ކުޑަކޮށް ދަށަށް ދިޔަ ނަމަވެސް، އެއީ ނެގެޓިވް ކަމެއްގެ ގޮތުގައި މާލީ މާހިރުން ނުދެކެ އެވެ. ސަބަބަކީ ބޮޑު ދަރަނި ހަލާސްކުރުމަށްފަހު ވެސް ޖުމްލަ ރިޒާވް ހިފެހެއްޓި، ބޭނުންކުރެވޭ ކޭޝް-ފްލޯ ވަރުގަދަވުމަކީ ގައުމުގެ މާލީ މެނޭޖްމަންޓް ހަރުދަނާވަމުންދާ ކަމުގެ ހެއްކެކެވެ.

ބޭނުންކުރެވޭ ރިޒާވްގެ މި ދިރުމަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ ބޭންކިން ސިސްޓަމްގެ ތެރެއަށް މާ ރަނގަޅަށް ވަންނަން ފެށުމާއި، އެމްއެމްއޭއިން ގެންގުޅޭ ހަރުދަނާ މާލީ ސިޔާސަތުތަކުގެ ސީދާ ނަތީޖާއެވެ. ދާދިފަހުން ބޭރުގެ ކްރެޑިޓް ރޭޓިން އެޖެންސީއެއް ކަމަށްވާ ފިޗް ރޭޓިންގްސްއިން ވެސް ރާއްޖޭގެ ރޭޓިންގް މަތިކޮށްފައިވަނީ މިފަދަ ހެޔޮ ބަދަލުތަކަށް ރިއާޔަތްކޮށްފަ އެވެ. މި ބަދަލާއެކު ކުރިއަށް އޮތް މަސްތަކުގައި ރާއްޖޭގެ އިގުތިސާދީ ދުވެލި އިތުރަށް ހަލުވިވެ، މާލީ ހަމަޖެހުން ގާއިމްވެގެންދާނެ ކަމަށް ބެލެވެ އެވެ.