ދުނިޔޭގެ އެންމެ މަޤްބޫލު އޮންލައިން ޕޭމަންޓް ސިސްޓަމް "ޕޭޕަލް" މެދުވެރިކޮށް ރާއްޖެއަށް ޑޮލަރު ގެނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ޚިދުމަތް މިއަދު ރަސްމީކޮށް ރާއްޖޭގައި އިފްތިތާޙުކޮށްފިއެވެ. ބާސެލޯ ނަސެންދުރާގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ރާއްޖެއަށް ޕޭޕަލް އާއި އެހެނިހެން ބައިނަލްއަޤްވާމީ ޕޭމަންޓް ގޭޓްވޭތައް ތަޢާރަފުކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސަރުކާރުން ކުރަމުންދިޔަ މަސައްކަތްތަކަށްފަހު، ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އުރީދޫ ފިންޓެކްއާ ގުޅިގެންނެވެ. މިކަމަށްޓަކައި ބޭނުންވާ "އިންވާޑް ރެމިޓެންސް ލައިސަންސް" މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިހާރު ވަނީ އުރީދޫއަށް ދޫކޮށްފައެވެ. ރާއްޖޭގައި ބޭނުންކުރާ ހުރިހާ މޮބައިލް ނަންބަރުތަކަކަށްވެސް އުރީދޫގެ "އެމްފައިސާ" މެދުވެރިކޮށް ޕޭޕަލްގެ ޚިދުމަތްތައް ބޭނުންކުރެވޭނެއެވެ.
ޕޭޕަލް ތަޢާރަފުވުމާއެކު ރާއްޖޭގެ އިޤްތިޞާދަށާއި އޮންލައިން ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެއެވެ. ޚާއްޞަކޮށް އަމިއްލަ މަސައްކަތްކުރާ ފްރީލާންސަރުންނަށާއި، ކޮންޓެންޓް ކްރިއޭޓަރުންނަށް ބޭރުޤައުމުތަކުން ފަސޭހަކަމާއެކު ފައިސާ ލިބޭނެ މަގު ފަހިވެގެންދާނެއެވެ. މީގެއިތުރުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ފަސޭހައިން ޚަރަދުކުރެވޭނެ އިންތިޒާމު ހަމަޖެހި، ފަތުރުވެރިކަމުގެ ދާއިރާއަށްވެސް މީގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އުންމީދު ކުރެވެއެވެ.
ކޮމެންޓް
އަދި އެއްވެސް ކޮމެންޓެއް ނެތް.