މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހާ އަޅައިބަލާއިރު މިއަހަރުގެ އެ މުއްދަތުގައި އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 31.6 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ އިދާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް ޖުމްލަ 2.75 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 2.09 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު ބޮޑު ކުރިއެރުމެކެވެ. ވަކިވަކި މަސްތަކުގެ ތަފްސީލަށް ބަލާއިރު، މިދިޔަ މެއި މަހު އެކަނިވެސް އިންކަމް ޓެކުހުގެ ގޮތުގައި 234.24 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މެއި މަހު މި ފައިސާގެ ގޮތުގައި ލިބިފައިވަނީ 132.73 މިލިއަން ރުފިޔާއެވެ.
މީރާގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އިންކަމް ޓެކުހަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ކުންފުނިތަކުންނެވެ. އެގޮތުން ކުންފުނިތަކުން 1.31 ބިލިއަން ރުފިޔާ ލިބިފައިވާއިރު ވިތުހޯލްޑިންގ ޓެކްސް ގެގޮތުގައި 735.25 މިލިއަން ރުފިޔާ އަދި އަމިއްލަ ފަރުދުންގެ އަތުން 214.06 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މީގެ އިތުރުން، ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި މީރާއަށް ލިބުނު ޖުމްލަ އާމްދަނީ ކަމަށްވާ 16.4 ބިލިއަން ރުފިޔާގެ ތެރޭގައި 749 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް އެ އިދާރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ ތެރެއިން މިދިޔަ މެއި މަހު ލިބުނު 89 މިލިއަން ޑޮލަރަކީ މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު 15 އިންސައްތަ ދަށް އަދަދެކެވެ.
މީރާގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި މެއި މަހުގެ ޑޮލަރުގެ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ އާއި، ގްރީން ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު ފައިސާ މަދުވުމެވެ.
ކޮމެންޓް
އަދި އެއްވެސް ކޮމެންޓެއް ނެތް.