އަމިއްލަ މަންމައަށް އަނިޔާކޮށް، މާރާމާރީ ހިންގުމަށްފަހު އިންޒާރުދީ ބިރުދެއްކި ކަމުގެ ސީރިއަސް ތުހުމަތުތަކެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި، ކޮތަރިވިލާ، އުމުރުން 36 އަހަރުގެ މުހައްމަދު ސުނާހް އެވެ. މި މައްސަލައިގެ ތަހުގީގަށް އޭނާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް އިއްޔެ ދީފައެވެ.
ފުލުހުން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކާއި މައުލޫމާތުތަކަށް ބަލާއިރު، ސުނާހް ވަނީ އޭނާގެ މަންމަގެ ހަށިގަނޑަށް ގެއްލުންވާ ފަދަ ގޮތަކަށް މާރާމާރީ ހިންގައި، އެކި ފަހަރު މަތިން އިންޒާރުދީ ބިރުދައްކާފައެވެ. ނަމަވެސް، ކޯޓުގެ ބަންދު މުއްދަތުގެ މަޖިލީހުގައި ސުނާހް ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާ އެއްވެސް އިރެއްގައި މަންމަގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައެއް ނުވެއެވެ.
މި މައްސަލައިގެ ކޯޓު އަމުރުން އެނގޭ ގޮތުގައި، ހައްޔަރުކުރެވުނު މުހައްމަދު ސުނާހް އަކީ މީގެ ކުރިންވެސް ގާނޫނާ ޚިލާފު އެކި މައްސަލަތަކުގައި ހައްޔަރުކުރެވި، ކުށުގެ ބަންދާއި ހައްޔަރުގެ ދިގު ރެކޯޑެއް އޮތް މީހެކެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ މި މާރާމާރީއާއި ބިރުދެއްކުމުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް
އަދި އެއްވެސް ކޮމެންޓެއް ނެތް.