2028 ގެ ރޭހަށް ނަޝީދު ނެރެން ގޮވާލުމުން ހޫނުވާން ފަށައިފި

Cover
ޕޮޓޯ: ވަގުތު

ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ތާއީދުކޮށް، "ބޮޑު ބަދަލު" ނަމުގައި ހިންގާ ވަޓްސްއެޕް ގްރޫޕެއްގައި ހިއްސާކުރި މެސެޖުތަކަކާ ގުޅިގެން އެ ގްރޫޕްގެ ބަހުސް ވަރަށް ބޮޑަށް ހޫނުވެއްޖެއެވެ.

"ބޮޑު ބަދަލު" އަކީ ރައީސް ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ސިޔާސީ މަސައްކަތްތަކަށް ހާއްސަކޮށްގެން ހިންގާ ގްރޫޕެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށާއި، މިހާރު ތާއީދު ކުރައްވަނީ ފައްޔާޒްގެ ކެމްޕެއިނަށް ކަމަށް ރައީސް ނަޝީދު ކުރިން ވިދާޅުވެފައިވެއެވެ.

ނަމަވެސް، އެ ގްރޫޕްގައި ހިމެނޭ އަފީފް ނަމަކަށް ކިޔާ މެންބަރަކު ވަނީ 2028 ގެ ރިޔާސީ ރޭހަށް ނަޝީދު ނުކުމެވަޑައިގަތުމަށް އެދޭ ކަމަށް ބުނެފައެވެ. އޭނާ ފާހަގަކުރި ގޮތުގައި ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ ބަޣާވާތަކުން ކަމަށް ބެލެވޭތީ، އެމަނިކުފާނަށް އިތުރު ދައުރެއް ލިބިވަޑައިގަތުން ހައްގުވާކަމަށް ބުނެފައިވެއެވެ. އަދި ރައްޔިތުންގެ ތާއީދު ހޯދުމުގައި ވެސް އެމްޑީޕީއަށް އެންމެ ބޮޑު ފުރުސަތެއް އޮތީ ނަޝީދާ އެކުގައި ކަމަށް އޭނާ ބުންޏެވެ.

މި ވާހަކަތަކާ ދެކޮޅަށް ގްރޫޕްގެ ބައެއް އެހެން މެންބަރުން ރައްދުދެމުން ބުނީ، މިވަގުތު ބޭނުންވަނީ ކެންޑިޑޭޓުން ބަދަލުކުރުން ނޫން ކަމަށާއި، އެންމެން އެކުގައި ތިބެގެން ޕާޓީ ބާރުވެރިކުރުން ކަމަށެވެ. އަދި ގައުމުގައި މިހާރު ހުރި ތަކެތީގެ އަގުބޮޑުވުމާއި، ބިލުތައް އުފުލުމާއި، ވަޒީފާގެ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރުން މާ މުހިއްމު ކަމަށް ވެސް ބައެއް މީހުން ފާހަގަކުރިއެވެ.

މީގެ އިތުރުން، މިއީ ނަޝީދާއި ފައްޔާޒްގެ "ބޮޑު ބަދަލު" ގްރޫޕްކަން ހަނދާންކޮށްދެމުން، ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދޭނެ ބަހުސްތަކުން ދުރުހެލިވުމަށް ބައެއް މެންބަރުން ގޮވައިލިއެވެ. އަދި 2028 ގެ އިންތިހާބަށް ތައްޔާރުވުމަށްޓަކައި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މުހިއްމުކަން ވެސް އެ ފަރާތްތަކުން ފާހަގަކުރިއެވެ.

މި ބަހުސަށް އިޝާރާތްކޮށް، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ، 2008 ގައި ނަޝީދު އުފެއްދެވި ވެރިކަން ނިމުނީ ބަޣާވާތަކުން ކަމަށް ޕާޓީން ގަބޫލުކުރާ ކަމަށެވެ. އެހެންވެ، 2013 ގެ ރިޔާސީ ޓިކެޓް އެއްވެސް ޕްރައިމަރީއަކާ ނުލައި ނަޝީދަށް ހަވާލުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވީ، ނަޝީދާއި ފައްޔާޒް އެކުގައި މަސައްކަތް ކުރެއްވުމަކީ ގިނަ ބަޔަކު އެދޭ ގޮތް ކަމަށެވެ. އަދި ދެ ބޭފުޅުން އެއްބަސްވެވަޑައިގެން ނިންމަވާފައިވާ މަގުން ކުރިއަށް ދިއުމަކީ ޕާޓީއަށް އެންމެ ފައިދާހުރި ގޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.