އައު ދިރާސީ އަހަރާއެކު ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުވަމުންދާކަމަށް މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މި ބަދަލުގެ ދަށުން ސްކޫލްތަކުގައި ދިވެހި، އިސްލާމް، އަދި ހިސާބު މާއްދާގެ އިތުރުން އެކި ބަސްބަސް ދަސްކޮށްދިނުމަށް ހޭދަކުރާ ވަގުތު މިހާރަށްވުރެ އިތުރުވެގެންދާނެއެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ހާމަކުރެއްވި ގޮތުގައި، މި ބަދަލުތައް އެންމެ ފުރަތަމަ ތަންފީޒުކުރަން ފަށާނީ ކީ ސްޓޭޖް އެކެއްގެ ގްރޭޑް 1، 2، އަދި 3 ގެ ދަރިވަރުންނަށެވެ.
މިހާރު ސްކޫލްތަކުގައި ކިޔަވައިދެމުންދާ ގައުމީ މަންހަޖަކީ 2015 ވަނަ އަހަރުން ފެށިގެން އެއްވެސް ބަދަލެއް ނުގެނެސް ބޭނުންކުރަމުން އަންނަ މަންހަޖެކެވެ. ނަމަވެސް، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި ކުދިންގެ ނަތީޖާތަކަށް ރިއާޔަތްކޮށް، މަންހަޖުގެ ބައިތައް އަލުން ތަރުތީބުކޮށް މުރާޖައާކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަމީނިއްޔާ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި ދަރިވަރުންނަށް ލިބުނު ނަތީޖާތަކަށް ބަލައި މިހާރު ދަނީ މަންހަޖަށް ގެންނަންޖެހޭ ރިވިޝަންތައް ތައްޔާރުކުރަމުންނެވެ.
މީގެ އިތުރުން، ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ސޯޝަލް މީޑިއާގެ ސަބަބުން ދުނިޔެ ބަދަލުވަމުންދާއިރު، ކުދިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ހުޝިޔާރުވާންޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ކުއްޖާގެ އެންމެ ފުރަތަމަ މަދަރުސާއަކީ ގެދޮރުކަމަށްވާއިރު، އަޚްލާގީ ރަނގަޅު އާދަތައް ކުދިން ދަސްކުރަނީ ގޭގެ މާހައުލުންނެވެ. އެހެންކަމުން، ދަރިވަރުން ބިނާކުރުމުގައި ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން މަސައްކަތްކުރުމަށާއި، ސްކޫލްތަކުން ދޭ އެހީތެރިކަމުގެ ބޭނުން ހިފުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓް
އަދި އެއްވެސް ކޮމެންޓެއް ނެތް.