މަސްވެރިން މަދުވީ ކުރީ ސަރުކާރުން ދިން ވަޒީފާތަކުގެ ސަބަބުން: ރައީސް މުއިއްޒު

Cover
ފޮޓޯ: އެޓޯލް ޓައިމްސް

ދިވެހިރާއްޖޭގެ އިގުތިސާދުގެ މައިގަނޑު އެއް ތަނބު ކަމަށްވާ މަސްވެރިކަމުގެ ސިނާއަތުން ޒުވާނުންނާއި އާންމު މަސައްކަތްތެރިން މާދުވަމުންދަނީ ކުރީގެ ސަރުކާރުގެ ސަބަބުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  

މި މައްސަލައާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، މަސްވެރިން މަދުވާން މެދުވެރިވި ސަބަބުތަކާއި އެކަން ހައްލުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވަށައިޖެހޭ އިގުތިސާދީ ސިޔާސަތުތަކުގެ ތަފްސީލު ހާމަކުރައްވާފައެވެ.

ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި މަސްވެރިކަމުގެ ސިނާއަތުން މީހުން މަދުވުމުގެ މައިގަނޑު ސަބަބަކީ ނިމިދިޔަ ސަރުކާރުން ދައުލަތުގެ ހިއްސާވާ ކުންފުނިތަކަށް، ހާއްސަކޮށް ފެނަކަ ކޯޕަރޭޝަނަށް، ބޭނުންވާ ވަރަށްވުރެ އިތުރަށް މީހުން ވެއްދުމެވެ. ރަށްރަށުގައި ތިބެގެން ފަސޭހަކަމާއެކު އާމްދަނީ ހޯދޭނެ މަގުތައް ފަހިވުމުން، ގިނަ އަދަދެއްގެ މަސްވެރިންނާއި ޒުވާނުން ވަނީ ކަނޑުމަތީގެ ބުރަ މަސައްކަތް ދޫކޮށް އެފަދަ ވަޒީފާތަކަށް ބަދަލުވެފައެވެ. މި ބަދަލުގެ ސަބަބުން ރަށްރަށުގައި ހިންގަމުންދިޔަ ބައެއް މަސްދޯނިފަހަރުގެ މަސައްކަތް ހުއްޓި، އޮޑިވެރިންނަށް ދޯނިތައް ވިއްކާލަންޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ހާލަތު ބަދަލުކޮށް ގައުމީ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި، ސަރުކާރުގެ ކުންފުނިތައް "ރައިޓްސައިޒް" ކުރުމުގެ ނުވަތަ ބޭނުންވާ މިންވަރަށް ސައިޒު ކުޑަކުރުމުގެ މުހިންމު މަސައްކަތެއް މިހާރު ވަނީ ފަށާފައެވެ. ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް މި ގެނެވޭ ބަދަލާއެކު، އުފެއްދުންތެރި މަސައްކަތްތަކަށް ނުކުންނާނެ ޒުވާނުން އިތުރުވެ، މަސްވެރިކަމުގެ ސިނާއަތަށާއި އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އަލުން ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. ހަމައެހެންމެ، މަސްވެރިކަން ދޫކޮށް އެހެން ދާއިރާތަކަށް މީހުން ބަދަލުވި މިންވަރު ސާފުކޮށް ދެނެގަތުމަށްޓަކައި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމީ ސާވޭއެއް ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.