އިނާޔަތްތަކާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު އެޗްޑީސީން ވެސް ހުޅުވާލައިފި

Cover
ފޮޓޯ: މިހާރު

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހިންގުން ހަރުދަނާކޮށް، ކުންފުނީގެ އައު އޮނިގަނޑަށް ބަދަލުވުމުގެ މަސައްކަތުގެ ދަށުން މުވައްޒަފުންނަށް އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމުގެ ފުރުސަތު އެކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލައިފިއެވެ. 

އެޗްޑީސީގެ ހިއުމަން ރިސޯސް މެނޭޖްމަންޓުން މުވައްޒަފުންނަށް ފޮނުވި ރަސްމީ މެމޯއެއްގައި ބުނެފައިވަނީ، ކުންފުނީގެ ބޯޑުން މިހާރު ވަނީ ރިޓަޔަރމަންޓް ޕޮލިސީއަށާއި ވަޒީފާއިން ރިޑަންޑަންޓްވާ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލުތަކަށް މުހިންމު އިސްލާހުތަކެއް ގެނެސްފައި ކަމަށެވެ. މި ބަދަލުތަކާއެކު ކުންފުނީގެ ވަޒީފާއިން ވަކިވާން ބޭނުންވާ މީހުންނަށް ދެ ގޮތަކަށް ފުރުސަތު ލިބިގެންދާނެއެވެ.

މި އުސޫލުގެ ދަށުން މުވައްޒަފުންނަށް ހުޅުވާލާފައިވާ ފުރަތަމަ ގޮތަކީ ވޮލެންޓަރީ ރިޑަންޑަންސީގެ ފުރުސަތެވެ. މި މަގު އިޚްތިޔާރުކޮށްގެން އަމިއްލައަށް ވަޒީފާއިން ވަކިވާން ހުށަހަޅާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކަނޑައެޅޭ މީހުންނަށް، ކުންފުނީގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މާލީ ބަދަލެއްގެ ގޮތުގައި ފުރިހަމަ ސެވަރެންސް ޕެކޭޖެއް ލިބިގެންދާނެއެވެ.

 މީގެ އިތުރުން، އަމިއްލައަށް އެދިގެން ރިޓަޔާވާން ބޭނުންވާ މުވައްޒަފުންނަށް ވޮލެންޓަރީ ރިޓަޔާމަންޓްގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މިގޮތުން ރިޓަޔާކުރަން ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މުވައްޒަފުންނަށް، އެމީހަކު ކުންފުންޏަށް ޚިދުމަތްކުރި މުއްދަތަށާއި އަދާކުރި މަގާމަށް ރިއާޔަތްކޮށް، އެއްފަހަރާ ބޮޑު މާލީ އިނާޔަތެއް (ލަމްޕް-ސަމް ޕޭމަންޓް) ލިބޭނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ. މި ކަމާ ގުޅޭ އިތުރު ތަފްސީލީ މައުލޫމާތާއި ޝަރުތުތައް ކުންފުނީގެ އެޗްއާރު ޑިޕާޓްމަންޓުން ލިބޭނެއެވެ.

ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރުމަށާއި މުވައްޒަފުންގެ އަދަދު މަދުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އަންގާފައިވާ އެންގުންތަކާ ގުޅިގެން، މިފަދަ ޕްރޮގްރާމްތައް މިހާރު ދަނީ އެހެން ކުންފުނިތަކުގައިވެސް ހިންގަމުންނެވެ. އެގޮތުން ދާދިފަހުން ފެނަކަ ކޯޕަރޭޝަނުންވެސް ވަނީ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ފަށައި، އަމިއްލައަށް ވަކިވާން ބޭނުންވާ މީހުންނަށް ހަތަރު މަސްދުވަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތާއި އާލީ ރިޓަޔާމަންޓް ޕްރޮގްރާމެއް ތައާރަފުކޮށްފައެވެ.