ދިވެހި ޒުވާނުންނަކީ ގައުމަށް ބޭނުންތެރި، އަމިއްލަ ނަފްސަށް އިތުބާރުކުރާ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ ގައުމީ ސިޔާސަތުގެ ދަށުން، ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ކޯސް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ބ. ކިހާދޫގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ސާވިސް ކޯގެ ސްކޫލް އޮފް އިންޖީނިއަރިން އެންޑް ލޮޖިސްޓިކްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފަށްޓަވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އިބްރާހިމް ހިލްމީއެވެ. މިއީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޖިސްމާނީ އަދި ރޫހާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ޚާއްސަ ތަސައްވުރުގެ ދަށުން ހިންގޭ ނޭޝަނަލް ސާވިސް ސްކިލްސް ޓްރެއިނިންގ ޕްރޮގްރާމްގެ މުހިންމު ބައެކެވެ.
މި ފަހަރުގެ ތަމްރީނުތަކުގައި ރާއްޖޭގެ 17 އަތޮޅަކަށް ނިސްބަތްވާ ޖުމްލަ 75 ބައިވެރިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 62 ފިރިހެން ކުދިންނާއި 13 އަންހެން ކުދިންނެވެ. ޖުމްލަ 16 ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމްގައި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ މުހިންމު ދާއިރާތަކުން އަމަލީ އަދި ތިއަރީ ބައިތައް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މެރިން އިންޖިނިއަރިން، އޮޓޯ މޯބައިލް އިންޖިނިއަރިން، އިލެކްޓްރީޝަން، ވެލްޑިން، މެޓަލް ފެބްރިކޭޝަން، ރެފްރިޖެރޭޝަން އަދި އޮފީސް މެނޭޖުމަންޓް ފަދަ ބޭނުންތެރި ހުނަރުތައް ހިމެނެއެވެ.
މި ޕްރޮގްރާމްގެ ދަރިވަރުންނަށް ކިޔަވައިދެއްވާނީ އަމަލީ މައިދާނުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައި، ބޮޑެތި ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ސިފައިންގެ ފަންނީ އިންސްޓްރަކްޓަރުންނެވެ. ހަތަރު މަސްދުވަހުގެ މި ބުރަ ތަމްރީނުތައް ކާމިޔާބުކަމާއެކު ނިންމާލާ ދަރިވަރުންނަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) ގަބޫލުކުރާ ލެވެލް 3 ގެ ރަސްމީ ސެޓްފިކެޓެއް ލިބޭނެއެވެ. މިއީ ޒުވާނުންނަށް ވަޒީފާގެ ބާޒާރުގައި ކުރިއަށްދިއުމަށާއި، އަމިއްލަ ނަފްސަށް ބަރޯސާވުމަށް ހުޅުވިގެންދާ ރަނގަޅު ފުރުސަތެކެވެ.
ކޮމެންޓް
އަދި އެއްވެސް ކޮމެންޓެއް ނެތް.