މާލޭ ކޮމާޝަލް ހާބަރުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ރާއްޖެއަށް ގާނޫނާ ޚިލާފަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖް އަތުލައިގަނެ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމަންޓެއްގައި ގާނޫނާ ޚިލާފު ތަކެތި ހުރެދާނެ ކަމަށް ކަސްޓަމްސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މި ހިނގާ ޖޫން މަހުގެ 17 ވަނަ ދުވަހު ހިންގި ޚާއްޞަ ޗެކްކުރުންތަކުގެ ތެރެއިންނެވެ.
މި އޮޕަރޭޝަނުގައި ބަލައި ފާސްކޮށްފައިވަނީ "ޖެނެރަލް ކާގޯ" ނުވަތަ އާންމު މުދަލުގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕްމަންޓެކެވެ. ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، އެ މުދާގަނޑުގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވައިގެން އެތެރެކުރަން އުޅެނިކޮށް ފެނުނު މި ވޭޕް ކާޓްރިޖްތައް މިހާރު ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. ނަމަވެސް، މި ތަކެތި އެތެރެކުރުމުގައި ބައިވެރިވި ކުންފުނީގެ އެއްވެސް ތަފްޞީލެއް ކަސްޓަމްސްއިން އަދި މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖޭގައި ވޭޕް ކުރުމަށް ބޭނުންކުރާ ސާމާނު އެތެރެކުރުމާއި ބޭނުންކުރުން މަނާކޮށްފައިވާ ދަނޑިވަޅެއްގައި ހިނގި މި ހާދިސާ ކަސްޓަމްސްއިން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މިފަދަ ގާނޫނާ ޚިލާފު ޝިޕްމަންޓްތައް ހޯދައި، ރާއްޖޭގެ ބޯޑަރުތައް ރައްކާތެރިކުރުމަށްޓަކައި ކަސްޓަމްސްއިން ދަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ކޮމެންޓް
އަދި އެއްވެސް ކޮމެންޓެއް ނެތް.