ލޯކަލް ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި މީގެކުރިން އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހަކުން ބްލޮކް ގްރާންޓް ކަނޑައެޅި ނަމަވެސް، އޭގެ ފަހުން ކައުންސިލްތަކަށް ހަވާލުކުރެވުނު ޒިންމާތައް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މިސްކިތްތައް ބެލެހެއްޓުމާއި ރަށްރަށުގެ ކުނި މެނޭޖްކުރުން ފަދަ ބޮޑެތި ބުރަ މަސައްކަތްތައް ކައުންސިލްތަކާ އަލަށް ހަވާލުކުރެވުމުގެ ސަބަބުން، މިހާރު ބްލޮކް ގްރާންޓުގެ ގޮތުގައި ދެމުންދާ އިންސައްތައިން ކައުންސިލްތައް އެދެވޭ ގޮތެއްގައި މެނޭޖެއް ނުކުރެވެއެވެ. އެހެންކަމުން މިއީ މެންބަރުން ފުންކޮށް ވިސްނާލަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން ކައުންސިލް އިދާރާތަކުގެ އެތެރޭގެ މުސާރައިގެ އޮނިގަނޑަށް އައިސްފައިވާ ބަދަލުތަކާ މެދު ވެސް މެންބަރު ޣަފޫރު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލްގެ ރައީސުންނާއި އިންތިހާބީ މެންބަރުންނަށް ވުރެ، އެ އިދާރާތަކުގައި މަސައްކަތްކުރާ ބައެއް ސިވިލް ސާވިސްގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލަ ދިމާވާން މެދުވެރިވީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ލަފައެއް ނުވަތަ ރައުޔެއް ހޯދުމެއް ނެތް ގޮތަށް ޕޭ ކޮމިޝަނުން މުސާރަތަކަށް ބަދަލު ގެނައުމުން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި މިކަން ހައްލުކުރުމަށްޓަކައި، ކައުންސިލްތަކުގައި ތިބި ބޮޑު މުސާރަ ލިބޭ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކުޑަކުރުން އެއީ އެއް ގޮތް ކަމުގައި ވެސް ޣަފޫރު ހުށަހެޅުއްވިއެވެ.
މި ބަހުސް މަޖިލީހުގައި ކުރިއަށްދިޔައީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމާ މެދު މެންބަރުން ދެކޭގޮތް ބެލުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ގަރާރަކާ ގުޅިގެންނެވެ. ނަމަވެސް އެ ގަރާރު ބަލައިގަތުމާ މެދު މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި، ބޮޑު އަޣުލަބިއްޔަތަކުން ވަނީ އެ ގަރާރު މަޖިލީހުން ބޭރުކޮށްލާފައެވެ. އެގޮތުން ގަރާރު ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 14 މެންބަރުން ކަމަށްވާއިރު، އެ ގަރާރު ބޭރުކޮށްލަން 48 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
ކޮމެންޓް
އަދި އެއްވެސް ކޮމެންޓެއް ނެތް.