މިރޭ މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ވަޒީފާ ބުރާސްފަތި" އިހުތިޖާޖަކީ ސަރުކާރު ވައްޓާލުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެއް ނޫން ކަމަށް، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އާ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު ހާމަކުރެއްވި ގޮތުގައި މިއީ ހަމައެކަނި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ސުލްހަވެރިކަމާ އެކު އަޑުއުފުލުމަށް ބާއްވާ ހިނގާލުމެކެވެ. ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ، މިއީ ހަމަނުޖެހުން ހިންގަން އުޅޭ އުޅުމެއްގެ ގޮތުގައި ނުބެލުމަށް ސަރުކާރަށާއި ފުލުހުންނަށް އިލްތިމާސް ކުރައްވާފަ އެވެ.
މާލޭގައި މިރޭ ބާއްވާ މި ހިނގާލުން ކުރިއަށް ގެންދިއުމަށް ރާވާފައި ވަނީ ރަސްފަންނު ސަރަހައްދުން ފަށައިގެން މަޖީދީމަގުން ލާފައި ގޮސް އާޓިފިޝަލް ބީޗަށެވެ. ރައީސް ނަޝީދު އެދިވަޑައިގެންފައި ވަނީ ފުލުހުން ޝީލްޑާއި ކަރުނަގޭސް ހިފައިގެން ނުކުތުމުގެ ބަދަލުގައި، ޓްރެފިކް ޕޮލިހުން ނުކުމެ މަގުމަތީގެ ކަންކަން ތަރުތީބުކޮށް މި ހިނގާލުން އިންތިޒާމު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި މުޒާހަރާގެ ބައިވެރިންނާއި އެހެން ފަރާތްތަކުން ވެސް ހަމަނުޖެހުމަށް މަގުފަހިވާ ފަދަ ބޭއަދަބީ އަމަލުތައް ނުހިންގުމަށް އެ މަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ.
އެއްވުން ބޭއްވުމުގެ ފުރުސަތު ސަރުކާރުން ނުދީފި ނަމަ ހަދާނީ ކިހިނެއްތޯ ސުވާލުކުރުމުން، ރައީސް ނަޝީދު ވިދާޅުވީ އެ ފުރުސަތު ބަންދުކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ސަބަބަކީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށް ވުމެވެ. މީގެ ކުރިން މަގުމަތީ ހަރަކާތްތަކާ މެދު އާންމުންގެ ހިތްހަމަނުޖެހުން ހުއްޓަސް، މިހާރު އެމްޑީޕީން މަގުތަކަށް ނުކުތުމުން ރައްޔިތުން ތިބެނީ ހިނިތުންވެފައި ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. ނަމަވެސް، މި ޚަބަރާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ވަނީ ސިޔާސީ ބޭނުންތަކަށް މަގުތައް ބަންދުކޮށް އާންމު ދިރިއުޅުމަށް އުނދަގޫވާ ގޮތަށް ހިންގާ ހަރަކާތްތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ކޮމެންޓް
އަދި އެއްވެސް ކޮމެންޓެއް ނެތް.