އެސްޖޭގެ ބިޑްތައް ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި

Cover
ޕޮޓޯ: ވަން އޮންލައިން

ސަރުކާރުން ރަށްރަށުގައި ހިންގާ ހައުސިން މަޝްރޫއުތަކަކާ ގުޅިގެން އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި އެސްޖޭ ކޮންސްޓްރަކްޝަން ގުޅިގެން ހުށަހެޅި ބީލަންތައް ބާތިލްކުރި މައްސަލާގައި ދައުލަތާ ދެކޮޅަށް ހައި ކޯޓުން ވަރުގަދަ ހުކުމެއް ކޮށްފިއެވެ. 

 މި މަހުގެ 15 ވަނަ ދުވަހު ހައި ކޯޓުން ނިންމާފައިވަނީ އެސްޖޭގެ ތިން ބިޑެއް ނޭޝަނަލް ޓެންޑަ ބޯޑުން ބާތިލްކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ކަމަށެވެ. ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ދީބާނާޒް ފަހުމީގެ އިތުރުން ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި މި ހުކުމާ އެކު، މީގެ ކުރިން ސިވިލް ކޯޓުން އެސްޖޭއާ އެއްކޮޅަށް ކޮށްފައިވާ ހުކުމްތައް މިހާރު ވަނީ މަތީ މަރުހަލާގެ ކޯޓުން ދަމަހައްޓާފަ އެވެ. މީގެ އިތުރުން، ބިޑްތައް ބާތިލްކުރުމުގެ ސަބަބުން ކުންފުންޏަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމަށް ދައުލަތާ ދެކޮޅަށް ދައުވާކުރުމުގެ ފުރިހަމަ ހައްގު އެސްޖޭއަށް ލިބިގެންވާ ކަމަށްވެސް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

މި މައްސަލައިގެ އަސްލަކީ ހދ. ހަނިމާދޫގައްޔާއި ހދ. ނޮޅިވަރަންފަރުގައި 100 ހައުސިން ޔުނިޓް އެޅުމަށާއި، ތ. ވިލުފުށީގައި ބާކީ ހުރި 64 ހައުސިން ޔުނިޓް ނިންމައި އަލަށް 36 ޔުނިޓް ފަރުމާކޮށް އިމާރާތްކުރުމަށް ފިނޭންސް މިނިސްޓްރީން ހުޅުވާލި ފުރުސަތެކެވެ. އެ މަޝްރޫއުތަކަށް އެސްޖޭ ޖޮއިންޓް ވެންޗާއިން ކުރިމަތިލުމުން، ނޭޝަނަލް ޓެންޑަ ބޯޑުން ނިންމީ އެ ކުންފުނީގެ ބިޑްތަކުގައި އެމްޕްލޯޔާސް ރިކުއާމަންޓްސް އަދި ބީއޯކިއު ފުރިހަމަނުވާ ކަމަށް ބުނެ އެ ފަރާތް ޑިސްކޮލިފައި ކުރާށެވެ. ނަމަވެސް އެ ނިންމުން އެސްޖޭ އިން ބިޑްތަކުގެ މައްސަލަ ބަލާ މުސްތަގިއްލު ރިވިއު ކޮމިޓީގައި އިސްތިއުނާފު ކުރުމުން، އެ ކޮމިޓީން ނިންމީ ބޭންކް އޮފް ސިލޯނުން ދޫކޮށްފައިވާ ލިޔެކިޔުންތަކަކީ ސައްހަ އެއްޗެއް ކަމަށާއި އެސްޖޭގެ ބިޑްތައް ބަލައިގަންނަން ޖެހޭނެ ކަމަށެވެ. އަދި ބިޑްތައް އަލުން އިވެލުއޭޓްކޮށްގެން ކުރިއަށް ގެންދަން ޓެންޑަ ބޯޑަށް އެންގި އެވެ.

އެހެން ނަމަވެސް މުސްތަގިއްލު ރިވިއު ކޮމިޓީގެ އެންގުމަށް ގޮންޖަހައި، ޓެންޑަ ބޯޑުން މަސައްކަތް ކުރީ އެ މަޝްރޫއުތައް އެހެން ބަޔަކާ ހަވާލުކުރާށެވެ. މި ހިސާބުން އެސްޖޭ އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، ދަށު ކޯޓުން ވަނީ ދައުލަތުން އަމަލުކުރީ ގޯސްކޮށް ކަމަށް ނިންމައި، 20 ދުވަސް ތެރޭގައި ބިޑްތައް އަލުން މުރާޖައާ ކުރުމަށް އަމުރުކޮށްފަ އެވެ. ދައުލަތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަމުން ދިފާއެއްގެ ގޮތުގައި ދެއްކީ، ހަނިމާދޫ ޕްރޮޖެކްޓް މިހާރު ތިންވަނަ ފަރާތަކަށް އެވޯޑްކޮށް ސޮއިކޮށްފައިވާތީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރަން އުނދަގޫވާނެ ކަމުގެ އުޒުރެވެ. އަދި ރިވިއު ކޮމިޓީގެ ނިންމުންތަކަށް ޓެންޑަ ބޯޑުން ތަބާވާންޖެހޭނީ އެއީ ޓެންޑަ ޑޮކިއުމަންޓާ އެއްގޮތަށް ނިންމާފައިވާ ނިންމުމަކަށްވާ ނަމަ އެކަނި ކަމަށްވެސް ދައުލަތުން ވަކާލާތު ކުރި އެވެ.

ދައުލަތުގެ މި ދިފާއުތައް ހައި ކޯޓުން ވަނީ އެއްކޮށް ބޭރުކޮށްލާފަ އެވެ. ހައި ކޯޓުގެ ހުކުމުގައި ސަރީހަ ބަހުން ބުނެފައިވަނީ ގާނޫނާއި ގަވާއިދުގެ ދަށުން އުފައްދާފައިވާ މުސްތަގިއްލު ރިވިއު ކޮމިޓީގެ ނިންމުމެއް ބަދަލުކުރުމުގެ އެއްވެސް ބާރެއް ނޭޝަނަލް ޓެންޑަ ބޯޑަށް ލިބިގެން ނުވާ ކަމަށެވެ. އަދި ޕްރޮޖެކްޓް އެހެން ބަޔަކަށް ދީފި ކަމަށް ބުނުމަކީ ކޯޓުން ނަގައިދޭ ގާނޫނީ ފަރުވާއިން ބަރީއަވެވޭނެ އުޒުރެއް ނޫން ކަމަށްވެސް ހުކުމުގައިވެ އެވެ. ސިވިލް ކޯޓުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އެސްޖޭއަށް ދީފައިވަނީ ވަކި މަސްލަހަތުތަކެއް ހިމާޔަތްކުރަން ކަމަށްވާތީ، އެއީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ނޫން ކަމަށްވެސް ހައި ކޯޓުން ކަނޑައެޅި އެވެ. މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބީލަންތަކާ ގުޅިގެން ރިވިއު ކޮމިޓީން ނިންމާ ނިންމުންތަކަކީ ޓެންޑަ ބޯޑުގެ މައްޗަށް ލާޒިމް އެއްޗެއްކަން ގާނޫނީ ގޮތުން މިހާރު ވަނީ ކަށަވަރުވެފަ އެވެ.